13 Aug 2015, 09:28
ސިއްހީ ގޮތުން ރައްކާތެރި ނޫން މިންވަރަކަށް "މޮނޮސޯޑިއަމް-ގުލްޓަމޭޓް" ނުވަތަ "އެމްއެސްޖީ"އާއި ލެޑް ހިމެނޭތީ ވިއްކުން މަނާކޮށްފައިވާ މެގީ ނޫޑްލްސް އުފައްދާ ނެސްލޭ ކުންފުނި 100 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް އިންޑިއާ ސަރުކާރުން ނިންމައިފި އެވެ.
ނެސްލޭ ކުންފުނި 100 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ނިންމި ކަން އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ވަނީ ޔަގީންކޮށް ދީފަ އެވެ.
ނޫޑްލްގެ 80 ޕަސެންޓް ހިއްސާ ކުރާ މެގީ ނޫޑްލްސްގެ އިންޑިއާގެ އިތުރުން ވަރަށް ގިނަ ގައުތަކުގައި ވެސް ވަނީ ވިއްކުން މަނާކޮށްފަ އެވެ.
ނެސްލޭ ކުންފުނިން ބުނެފައި ވަނީ އެކުންފުނިން ވިއްކާ މެގީ ނޫޑްލްސްގައި މައްސަލައެއް ނެތްކަމަށް އެމެރިކާ އާއި އިނގިރޭސި ވިލާތް އަދި ސިންގަޕޫރުން ހެދި ތަހުލީލުތަކުން ދައްކާ ކަމަށެވެ. އަދި އޭގެ އިތުރުން އިންޑިއާގެ ގޯއާ އަދި މައިސޫރުން ހެދި ތަހުލީލުތަކުން ވެސް މެގީގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ދައްކާފައިވާ ކަމަށް ނެސްލޭ ކުންފުނިން ވަނީ ބުނެފަ އެވެ.
އިންޑިއާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ބުނެފައި ވަނީ އެ ތަހުލީލުތަކުގައި މައްސަލަ އުޅޭ ކަމަށެވެ.
ނެސްލޭ ކުންފުނިން މިހެން ބުނެފައިވީ ނަމަވެސް އެކުންފުނިން މީގެ ކުރިން ވެސް ވަނީ 400 މިލިއަން ޓަނުގެ މެގީގެ އުފެއްދުންތަށް ނައްތާލާފަ އެވެ.