ވޮޝިންގްޓަން- އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާ އަށް ކެންސަރު ޖެހި ހަށިގަނޑުގެ އިތުރު ގުނަވަންތަކަށް ފެތުރިފައިވާ ކަމަށް އޭނާ ރޭ އިއުލާން ކުރައްވައިފި އެވެ.

ސީއެންއެން އިން މިއަދު ބުނީ ކާޓާ، 90، އަށް ކެންސަރު ޖެހިފައިވާކަން އެނގުނީ މިމަހުގެ ކުރީ ކޮޅު ކުރި ލިވާ އޮޕަރޭޝަނަކަށް ފަހު ކަމަށެވެ. އަދި އެ އޮޕަރޭޝަނަށް ފަހު އެ މައްސަލަ އެއްކޮށް ރަނގަޅުވި ކަމަށެވެ.

ނަމަވެސް ކާޓާ އިއްޔެ ނެރުއްވި ސްޓޭޓްމަންޓެއްގައި ވިދާޅުވީ ލިވާ އަށް ޖެހެނު ކެންސަރު ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ފެތުރިފައިވާ ކަމަށެވެ.

ކާޓާގެ އާއިލާއަކީ ވެސް ކެންސަރާ ވަރަށް ގުޅުން އޮތް އާއިލާއެކެވެ. ކާޓާގެ ބައްޕަ އާއި ބޭބެ އާއި ދެ ކޮއްކޮ ވެސް މަރުވީ ކެންސަރު ބަލީގަ އެވެ. އޭނާގެ މަންމަ އަށް އުރަމަތީގެ ކެންސަރު ޖެހުނެ އެވެ. އަދި ފަހުން ހަށިގަނޑުގެ އެނޫން ގުނަވަންތަކަށް ފެތުރުނެވެ.

ކާޓާއަކީ އެމެރިކާގެ 39 ވަނަ ރައީސް އެވެ.

ކާޓާ އަށް ކެންސަރުގެ އާލާސްކާންފުޅެއް ޖެހުމުން އެމެރިކާގެ 44 ވަނަ ރައީސް، ބަރަކް އޮބާމާ ވަނީ ބަޔާނެއް ނެރުއްވައި ކާޓާ އަށް އަވަސް ސިފާއަކަށް އެދިވަޑައިގެންފަ އެވެ. އަދި އޮބާމާ ވަނީ ކާޓާ އަށް ފޯނުން ގުޅުއްވައި ވާހަކަ ދައްކަވައިފަ އެވެ.

ކާޓާ އެމެރިކާގެ ރައީސް ކަމަށް ފުރަތަމަ އިންތިހާބުވީ 1976 ވަނަ އަހަރު އެވެ. ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް، ކާޓާ ދެ ވަނަ ފަހަރަށް، އޭގެ ހަތަރު އަހަރު ފަހުން ވާދަ ކުރެއްވުމުން ރޮނަލްޑް ރޭގަންގެ އަތުން ވަނީ ބަލިވެވަޑައިގެންފަ އެވެ.

ކާޓާ އޮފީސް ދޫކުރެއްވުމަށް ފަހު މަސައްކަތް ކުރެއްވީ، އޭނާގެ ހިލޭ ސާބަހަށް މަސައްކަތް ކުރާ އޮފީސް، ކާޓާ ސެންޓަރުގަ އެވެ.

ކާޓާ އަކީ މެދުއިރުމަތީގެ މައްސަލަތައް ހައްލު ކުރެއްވުމަށް އެމެރިކާގެ މަންދޫބެއްގެ ގޮތުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ބައިނަލްއަގުވާމީ މައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯއްދެވުމަށް އޭނާ ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން 2002 ވަނަ އަހަރު އޭނާ އަށް ނޯބެލް ސުލްހައިގެ އިނާމު ވެސް ވަނީ ލިބިވަޑައިގެންފަ އެވެ.

ކާޓާ އަކީ އޭނާ އަށް ކެންސަރު ޖެހެންދެން، އޭނާގެ އުމުރާ ބަލާ އިރު ރަނގަޅު ސިއްހަތެއްގައި އުޅުއްވާ ބޭފުޅެކެވެ. ކާޓާގެ ބަޔާނުގައި ވިދާޅުވެފައި ވަނީ އޭނާ ފަރުވާ ހޯއްދަވަމުން އަންނަނީ އެޓްލާންޓާގެ އެމޯރީ ޔުނިވަސިޓީ އިން ކަމަށެވެ. އަދި ވިދާޅުވީ އިތުރު ތަފްސީލު އަންނަ ހަފްތާގައި ހާމަ ކުރައްވާނެ ކަމަށެވެ.