13 Aug 2015, 09:01
ވ. ރަކީދޫގައި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރާލިކަމުގެ ދައުވާ އުފުލާފައިވާ ވ. ރަކީދޫ ލައިޓްހައުސް އާފިޔާ މުހައްމަދު މަނިކުގެ ޝަރީއަތް މިއަދަށް ތާވަލު ކުރުމަށް ފަހު ކެންސަލްކޮށްފި އެވެ.
މިއަދު 1:00 ޖަހާއިރަށް ތާވަލު ކުރި ޝަރީއަތް ކެންސަލްކޮށްފައި ވަނީ އާފިގެ ވަކީލަށް މައްސަލައަށް ތައްޔާރުވުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އެނގިފައިވެ އެވެ.
އާފިޔާގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލާފަ އެވެ. އެއީ
ގަސްތުގައި ކުއްޖަކު މަރާލުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވިކަމުގެ ދައުވާ އެވެ.
އާފިޔާގެ މައްޗަށް ގަސްތުގައި ކުއްޖަކު މަރާލުމުގެ ދައުވާ އުފުލަމުން ދައުލަތުގެ ވަކީލާ ވިދާޅުވެފައި ވަނީ އިބްތިހާލު ނޭވާ ހާސްކުރުމުގެ ގޮތުން އޭނާގެ ކަރަށް ފިތާ، ފައިން ޖަހާ އަނިޔާ ކުރުމުގެ ސަބަބުން މި އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު މެންދުރު 12:00 ޖަހާ އެހާކަންހާރި އިބްތިހާލު މަރުވެފައިވާ ކަމަށެވެ.
އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އުފުލަމުން ދައުލަތުގެ ވަކީލާ ވިދާޅުވެފައި ވަނީ އެ ދައުވާ އާފިޔާގެ މައްޗަށް އުފުލާފައި ވަނީ ތަފާތު އެކި ދުވަސްމަތިން މުހައްމަދު އިބްތިހާލު ގައިގައި ތަޅާ ޖިސްމާނީ އަނިޔާކޮށްފައި ވާތީ ކަމަށެވެ.
އަމުރަށް ނުކިޔަމަންތެރި ވުމުގެ ދައުވާ އާފިޔާގެ މައްޗަށް އުފުލާފައި ވަނީ ކުޑަކުދިންގެ ހައްގުތަށް ރައްކާތެރި ކުރުމާ ބެހޭ ގާނޫނުގެ 16 އަދި 18 ވަނަ މާއްދާއާ ހަވާލާދީ ގާނޫނުލްއުގޫބާތުގެ 88 ވަނަ މާއްދާގެ ށ ގެ ދަށުންނެވެ.
އަމުރަށް ނުކިޔަމަންތެރި ވުމުގެ ދައުވާއަށް ޖަވާބު ދާރީވަމުން އާފިޔާ ބުނީ އޭނާ އިބްތިހާލަށް އަނިޔާ ކުރި ކަމަށް އެއްވެސް މަޖުބޫރު ކަމެއް ނެތި އިއުތިރާފުވާ ކަމަށެވެ.