13 Aug 2015, 08:58
މިއަދު މެންދުރާއި ދަންވަރު މާލެއަށް އުދައަރާނެ ކަމަށް ބެލެވޭއިރު ދެކުނުގެ ރަށްތަކަކަށް ވެސް އުދައިގެ އަސަރުކުރާނެ ކަމަށް ބެލެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.
ރޭ ވަނީ މާލެ އިރު އުތުރު ފަރާތައް އުދައަރައި ބޮޑު ތަކުރުފާނު މަގުގައި ފެންބޮޑުވެފަ އެވެ. ބޮޑަށް އުދައެރީ ކާނިވާ ސަރަހައްދާއި ހުޅުމާލޭ ޓާމިނަލް ސަރަހައްދަށެވެ. އެ ސަރަހައްދުތަކުގައި ހުރި ވެހިކަލްތަކަށާއި ރެސްޓޯރެންޓްތަކަށް ވެސް އޭގެ ގެއްލުންވި އެވެ.
ރޭ މާލެއަށް އުދަ އެރުމުގެ ސަބަބުން ބައެއް ރެސްޓޯރެންޓްތަކުގެ ތަކެއްޗަށް ވަނީ ގެއްލުން ލިބިފައި -- ސަން ފޮޓޯ/ފަޔާޒު މޫސާ
މޯލްޑިވްސް މީޓިއޮރޮލަޖީ ސާވިސް(މެޓް) އޮފީހުގެ ވެދާ ފޯކާސްޓަކު މިއަދު ސަން އަށް ވިދާޅުވީ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާ އިރު މާލެ އާއި ޅ. އަތޮޅުން ފެށިގެން ދެކުނުގެ ރަށްތަކަށް އުދައެރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މާލޭގައި ދިޔަވަރު އެންމެ ބޮޑުވަނީ މިއަދު 12:49 ގަޔާއި މިރޭ ދަންވަރު 12:45 އެހާކަންހާއިރު އެވެ. އެއީ އުދައަރާނެ ކަމަށް ބެލެވޭ ވަގުތުތައް ކަމަށް އޭނާ ވިދާޅުވި އެވެ. ރޭ ވެސް އުދައެރީ ދިޔަވަރު ބޮޑުވި ގަޑީގަ އެވެ.
"މިއަދު ވެސް އަދިވެސް ކޮންމެވެސް ވަރަކަށް [އުދަަރާނެ ކަމަށް] ދައްކާ. އެހެންވީމާ ޕޮސިބިލިޓީ އޮތްކަމަށް އަޅުގަނޑުމެން މިބަލަނީ." ވެދާ ފޯކާސްޓަކު ވިދާޅުވި އެވެ.
ރޭ މާލެއަށް އުދަ އަރައި މާލެ އިރު އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ފެން ބޮޑުވުން: އުދަ އެރުމުގެ ސަބަބުން ބައެއް ރެސްޓޯރެންޓްތަކުގެ ތަކެއްޗަށް ވަނީ ގެއްލުން ލިބިފައި -- ސަން ފޮޓޯ/ފަޔާޒު މޫސާ
އިއްޔެވެސް ދެކުނު ބައެއް ރަށްރަށަށް އުދައަރާނެ ކަމަށް ބެލެވުނު ނަމަވެސް މާލެ ފިޔަވާ އިތުރު ރަށަކަށް އުދައެރި ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އުދައަރަނީ މޫސުމަށް ކޮން ބަދަލެއް އައިސްގެން ކަމެއް އަދި ދައްނަވަން ނޭނގޭ ކަމަށާއި ބެލެވޭ ގޮތުގައި މިއީ އާންމުކޮށް ހުޅަނގު މޫސުމަށް އަރާ އުދަކަމަށް ބެލެވޭ ކަމަށް ވެދާ ފޯކާސްޓު ވިދާޅުވި އެވެ.
އިއްޔެ އާ އަޅާބަލާއިރު މިއަދު މުޅި ރާއްޖެއަށް ވެސް މޫސުން ރަނގަޅު ކަމަށާއި ރާއްޖެ ސަރަހައްދުގައި ވިލާ ބޯވެފައިނުވާތީ ގުގުރާނެ ކަމަށް ވެސް ނުބެލެވޭ ކަމަށް ފޯކާސްޓު ވިދާޅުވި އެވެ. ނަމަވެސް މެދުރާއްޖެތެރެއާއި އުތުރަށް 30 މޭލު ބާރު މިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.