12 Aug 2015, 23:50
މާލެއަށް އުދަ އަރައި، މާލެ އިރު އުތުރު ފަރާތު ބޮޑު ތަކުރުފާނު މަގުގައި ފެން ބޮޑުވެއްޖެ އެވެ.
މިރޭ އިރާކޮޅުން ފެށިގެން މާލޭގެ އިރު އުތުރު ފަރާތު ދަނީ އުދަ އަރަމުންނެވެ. އެ ގޮތުން މާލޭގައި ހުންނަ ހުޅުމާލެ ފެރީޓާމިނަލް ސަރަހައްދާއި ކާނިވާ ސަރަހައްދަށް ވަނީ ވަރަށް ބޮޑަށް އުދަ އަރާފަ އެވެ.
އެ ސަރަހައްދުން އުދަ އަރައި، ބޮޑު ތަކުރުފާނު މަގުގައި ފެން ބޮޑުވެ، މަޖީދީ މަގުގެ އިރުމަތީ ފަރާތުން ފެށިގެން މާލެ ތެރެއަށް ދަނީ ލޮނުގަނޑު ފެތުރެމުންނެވެ. ކާނިވާ ސަރަހައްދަށް އުދަ އެރުމުން އެ ސަރަހައްދުގެ ބައެއް ރެސްޓޯރެންޓުތަކަށް ފެން ވަދެ، ކާނިވާ ތެރޭގައި ވަނީ ލޮނުގަނޑު ބޮޑުވެފަ އެވެ.

ކާނިވާ ސަރަހައްދަށް އުދަ އެރުމުން އެ ސަރަހައްދުގައި ހުރި ރެސްޓޯރަންޓަކަށް ފެން ވަދެ ގެއްލުންތަކެއް ވެފައި-- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
އުދަ އެރި ވަގުތު ސިޓްރޮން ރެސްޓޯރެންޓުގައި ހުރި މީހަކު ބުނީ ބޮޑު ދެ ރާޅު، ތޮށިގަނޑަށް ބިއްދާލުމާއެކު ރެސްޓޯރެންޓު ތެރައަށް ފެންގަނޑު ފެތުރި ބައެއް މީހުންގެ ފޯނުތަކާއި ތަޅުގަނޑިތައް ގެއްލުނު ކަމަށެވެ. ނަމަވެސް އުދަ އެރުން ކޮންމެ ވެސް ވަރަކަށް މަޑުޖެހުމުން، ބައެއް މީހުން ވަނީ އެތަކެތި ފެންގަނޑު ތެރެއިން ހޮވާފަ އެވެ.
މާލެއަށް އުދަ އަރައި، ރަށު ތެރެއަށް ލޮނުގަނޑު ފެތުރެނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ
މާލޭގެ އިރު އުތުރު ފަރާތަށް އުދަ އެރި ނަމަވެސް، މާލޭގެ ހުޅަނގު ފަރާތާއި ދެކުނު ފަރާތުން އެދަ އެރުމުގެ އަސަރެއް އަދި ނުފެނެ އެވެ.
މާލެއަށް އުދަ އަރައި، މާލެ އިރު އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ފެން ބޮޑުވެފައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ