އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ހައްޔަރުކޮށް މިއަދަށް 100 ދުވަސް ހަމަވީއިރު، ދައުލަތުން އޭނާ މިނިވަންކުރުމަށްޓަކައި ކުރެވޭ މަސައްކަތަށް ހުރަސްއެޅުން ފިޔަވައި އެހެން އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އިމްރާނުގެ ބަންދަށް 100 ދުވަސް ވުމާ ގުޅިގެން އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނާ ހިލާފަށް އިމްރާން ބަންދުކޮށްފައި ވަނީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތަކާ އަދި ބައިނަލްއަގުވާމީ މުއާހަދާތަކުން ހުއްދަ ނުކުރާ، ލާއިންސާނީ ހާލަތެއްގައި ކަމަށެވެ.

"މިއީ ދިވެހިރާއްޖޭގެ ދުސްތޫރީ ތާރީހަށް ބަލާނަމަ 2008 ވަނަ އަހަރު ތަސްދީގު ކުރެވުނު ފެހި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން ދިވެހިރައްޔިތެއްގެ ކިބައިން އެންމެ ފުޅާދާއިރާއެއްގައި ނިގުޅާގަނެވޭ ފަހަރުކަމުގައި ފާހަގަކުރަމެވެ،" އަދާލަތު ޕާޓީން ނެރުނު ބަޔާނުގައިވެ އެވެ.

އަދާލަތު ޕާޓީން ބުނީ އެ މައްސަލާގެ ހަގީގީ ސަބަބު ކަމުގައި އެ ޕާޓީން ދެކެނީ ސަރުކާރުން ހިންގަމުން އަންނަ ޣައިރު ގާނޫނީ އަނިޔާވެރި އަމަލުތަކުގެ ޝިކާރައަކަށް ދިވެހި ރައްޔިތުން ވިޔަނުދިނުމަށް އިމްރާން ކުރައްވަމުން ގެންދަވާ މަސައްކަތް ކަމަށާއި ޒާތީ ބަދަލު ހިފުމާއި އެމަނިކުފާނު ރައްޔިތުންނާއެކު ރައްޔިތުންގެ ހައްގުގައި ސާބިތުވެ ހުންނެވި މިންވަރު ކަމަށެވެ.

"އެހެންކަމުން އަސްލެއް ނެތް ތުހުމަތުތަކާއި، ކުރިޔަށް ނުގެންދާ ޝަރީއަތެއްގެ ހިޔަނީގައި ފަޟީލަތުއް ޝައިހް އިމްރާން އަބްދުﷲ ގާނޫނުގެ ހަވާސާއިން ބޭރުގައި ގެންގުޅެމުން އަންނަ އައުން ނިމުމަކަށް ގެނެސް ވަގުތުން ފަޟީލަތުއް ޝައިހް އިމްރާން އަބްދުﷲ މިނިވަންކުރުމަށް ދިވެހި ދައުލަތަށް ގޮވާލަން،" އަދާލަތު ޕާޓީގެ ބަޔާނުގައިވެ އެވެ.