12 Aug 2015, 22:23
ޒުވާން ވިޔަފާރިން އުފެއްދުމަށް ސަރުކާރުން ފަށާފައިވާ ގެޓްސެޓް ލޯނު ޕްރޮގްރާމުގެ ތެރެއިން 72 ޒުވާނުންނަށް ލޯން ދީފި އެވެ.
ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ 72 ޒުވާނުންނަށް ލޯނު ލިބުން ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ދައުލަތުގެ ވަޒީރުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މިރޭ 72 ޒުވާނުންނަށް ޖުމުލަ 25 މިލިއަން ރުފިޔާގެ ލޯން ދޫކުރެވިގެންދާއިރު އެއީ އާ ވިޔަފާރިތަކަށް ހުޅުވާލެވޭ ދޮރެއް ކަމަށެވެ.
"ކުޑަ އިންޓުރެސްޓެއްގައި ރަހުނަކާއި ނުލައި 200 މިލިއަން ރުފިޔާ ފަސް އަހަރުގެ ތެރޭގައި ދިވެހި ޒުވާނުންނަށް ދިނުމުން އޭގެ މާނައަކީ ގާތްގަނޑަކަށް މި ފަސް އަހަރު ނިމޭއިރު 400 ނުވަތަ 500 އާ ގާތްކުރާ އަދަދެއްގެ މުޅިން އާ ވިޔަފާރި ދިވެހި ވުޖޫދަށް އަންނާނޭ،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ އެފަދަ ފުރުސަތުތައް ފަހިވެގެން ދަނީ ޒުވާނުންނަށް ރައީސް ޔާމީން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ކަމަށާއި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޒުވާނުންނަށް ގޮވާލައްވާ ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ
"ދިވެހި ރާއްޖެއަށް ވިޔަފާރީގެ ދާއިރާގައި ޓުރޭޑުގެ ދާއިރާގަ، ކޮމާސް އިންޑަސްޓުރީއެއްގެ ގޮތުގައި މި އަށްވުރެ ފަހިފެހި ދުވަސްވަރެއް އައިސްފައެއް ނެތް. އެހެންވީމަ މިފުރުސަތުގެ ބޭނުން ދިވެހި ޒުވާނުން އެއްވެސް ޖެހިލުމެއްނެތި ހިފުމަށް އަޅުގަނޑު ގޮވާލަން" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މިފަހަރު ޕުރޮޕޯސަލް ހުށަހަޅައި ކާމިޔާބު ނުވި ފަރާތްތައް ކުރިއަށް އޮތް ތަނުގައި ހުޅުވިގެންދާ ފުރުސަތުތަކަށް ކުރިމަތިލުމަށް މިނިސްޓަރު ސައީދު ގޮވާލެއްވި އެވެ.
މިއަދު ލޯނު ހަވާލު ކުރި ފަރާތްތައް ދޭނެ ތަމްރީނުތަކުގެ ތަފްސީލް ދެއްވަމުން އިކޮނޮމިކް މިނިސްޓުރީގެ ބިޒްނަސް ކޮންސަލްޓަންޓު އަހުމަދު މުންތާޒު ވިދާޅުވީ ބިޒުނަސް ސުޓާޓާ ޕުރޮގުރާމް ފެށިގެންދާއިރު އެ ޕްރޮގުރާމުގެ ދަށުން ވިޔަފާރި އާއި ގުޅޭ ތަފާތު މައުލޫމާތުތައް ދެވިގެންދާނެ ކަމަށެވެ. ލޯނު ލިބުނު ފަރާތްތައް ވަރަށް ކައިރިން މޮނީޓާ ކުރެވިގެން ހަރުދަނާ ވިޔަފާރިއަކަށް ހެދޭނެ ގޮތްތަކާއި ގުޅޭގޮތުން މައުލޫމާތު ދޭނެ ކަމަށް ވިދާޅުވި އެވެ.
ފަސް އަހަރު ތެރޭ ކޮންމެ އަހަރަކު ވެސް 40 މިލިއަން ރުފިޔާގެ ލޯން ގެޓްސެޓް ޕްރޮގްރާމްގެ ދަށުން ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ގެޓްސެޓް ޕްރޮގްރާމަށް ފަސް އަހަރު ތެރޭ ކަނޑައަޅާފައި ވަނީ 200 މިލިއަން ރުފިޔާ އެވެ.