ޓޯކިޔޯ : ޖަޕާނުގެ އިރު އުތުރުގައިވާ ފުކުޝީމާ ނިއުކްލިޔަ އެކުވެނި ގޮވައި އެތަނުން ނުރައްކާތެރި މިންވަރަކަށް ނިއުކްލިޔަ ރޭޑިއޭޝަން ލީކުވާން ފެށުމުން ޖަޕާން ސަރުކާރުން އެމުޅިސަރަޙައްދު ބަންދުކޮށް އެކަހެރިކޮށްފި އެވެ.

ޖަޕާން ފުލުހުން ގެންދަނީ ފުކުޝީމާ ނިއުކްލިޔަ އެކުވެނީގެ ވަށައިގެން ވިހި ކިލޯމީޓަރުގެ ވަށައިގެން 20 ކިލޯމީޓަރުގެ ރޭޑިއެސް އަށް ދިރުންވާ އެއްވެސް އެއްޗެއް ވަނުންމަނާކޮށް އެސަރަޙައްދު ބަލަހައްޓަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން މީހުން ދިރިއުޅޭ ސަރަޙައްދުތައްވަނީ 20 ކިލޯމީޓަރުގެ ރޭޑިއެސް އަށް ވުރެ ދުރުގައެވެ. 20 ކިލޯމީޓަރުގެ ރޭޑިއެސް ގެ ސަރަޙައްދުގައި އިންޖިނޭރުންނާއި ފުލުހުންވެސް ޙަރަކާތްތެރިވަނީ ރޭޑިއޭޝަނުން ސަލާމަތްވާ ބާވަތުގެ މާސްކްތަކާއި ހެދުންތައް އަޅައިގެންނެވެ.

މީގެއިތުރުން 60 ކިލޯމީޓަރގެ ރޭޑިއެސް ގެ ސަރަޙައްދަށް ގާތްވުމަކީވެސް ރައްކާތެރިކަމެއް ނޫންކަމަށް ބުނެ ޖަޕާނުގެ ފުލުހުންގެންދަނީ އެސަރަޙައްދުގެ އިންވެސް ވަކިކުރުމަށްޓަކައި ބައެއް ބާވަތުގެ ތަކެތި ބަހައްޓަމުންނެވެ. ނަމަވެސް 60 ކިލޯމީޓަރގެ ރޭޑިއެސް ގެ ސަރަޙައްދުގައި އެތަށް މިލިޔަން ބަޔަކު ދިރިއުޅެމުންދާތީ މިސަރަޙައްދުން މީހުން ބޭލުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.

ރިޕޯޓްތައް ބުނާގޮތުން ފުކުޝީމާ ނިއުކްލިޔަރ އެކުވެނިގެ ވަށައިގެންވާ ސަރަޙައްދުގެ ވައިގެ ތެރޭގައި ރޭޑިއޭޝަނުގެ އަސަރު ހުންނަންޖެހޭ ލެވެލްއަށްވުރެ ދެހާސް ގުނަ އިތުރަށް އެބަހުއްޓެވެ. ނިއުކްލިޔަރ ރޭޑިއޭޝަނަކީ ދިރުންވާ ކޮންމެ ޓީޝޫއެއް ފަނާކޮށްލުމުގެ ޤާބިލްކަން ލިބިފައިވާ ވަރަށް ބާރުގަދަ އަދި ނުރައްކާތެރި މާއްދާއެކެވެ.

ރޭޑިއޭޝަންގެ އަސަރުކުރުމަށްފަހު ވަގުތުން މަރުނުވާ ދިރޭކޮންމެ އެއްޗެއް ކެންސަރުޖެހިގެން ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަރުވެގެންދާނެ ކަމަށް ސައެންސްވެރިން ވިދާޅުވެއެވެ. ނަމަވެސް މިކަން ބިނާވެފައިވަނީ ރޭޑިއޭޝަންގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށެވެ.

ނިއުކްލިޔަރ ރޭޑިއޭޝަންގެ އަސަރުކޮށްފި މީހެއްގެ ނޫނީ ޖަނަވާރެއްގެ ދަރިފަސްކޮޅަށްވެސް އެކަމުގެ އަސަރުކޮށް އެތަށް ޖީލުތަކަކަށް އެކަން ދެމިގެންދެއެވެ. މިކަމުގެ ސަބަބުން އައިބު ކުދިންނާއި ބިރުވެރިގޮތްގޮތަށް އުފެދިފައިވާ ކުދިން ލިބުމުގެ ފުރްސަތު ބޮޑުވެ މިކަމުގެ އަސަރު އެތަށް ސަތޭކަ އަހަރަކަށް ދިގުދެމިގެންދެއެވެ.

ޖަޕާނުގެ ހިރޮޝީމާއަށާއި ނަގަޒާކީއަށް އެމެރިކާ ވައްޓާލި އެޓޮމް ބޮމުގެ ރޭޑިއޭޝަންގެ އަސަރު ކުރި ޖަޕާން މީހުން މަރުވެދިޔުމަށްފަހު އެމީހުންގެ ދަރިފަސްކޮޅު އަދިވެސް ވަނީ މިކަމުން ސަލާމަތްނުވެއެވެ. އެހެން ކަމުން ފުކުޝީމާ ނިއުކްލިޔަރ ރިއެކްޓަރ ގޮވުމުން މުޅި ޖަޕާންވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ފުކުޝީމާ އެކުވެނި ގޮވުމާއެކު ބޮޑު ދުންގަނޑެއް އެސަރަޙައްދުގެ މައްޗަށް އަރައިގެން ދިޔައެވެ. މީގެތެރޭގައި ލީކުވެގެންދިޔަ ނިއުކްލިޔަރ ރޭޑިއޭޝަންވެސް ހިމެނޭ ކަމަށްވެއެވެ. މި ދުންގަނޑު ޖައްވުގެ ތެރޭގައި ފެތުރިގެން ދިޔަވަރަކަށް ޖަޕާނުގެ އެހެން ސަރަޙައްދުތަކަށާއި އަވަށްޓެރި ޤައުމުތަކަށް މިކަމުގެ އަސަރު ކުރަމުންދާނެއެވެ.

ފުކުޝީމާ އެކުވެނި ގޮވުމާއެކު އެއެކުވެނީގައި މަސައްކަތްކުރާ އެތަށް ބަޔަކަށްވަނީ ރޭޑިއޭޝަންގެ އަސަރުކޮށްފައެވެ. އެހެންކަމުން މިއެކުވެނީގެ އެހެން ރިއެކްޓަރ ތަކުގައިވެސް ފިއުޝަނެއް ވޭތޯ ޖަޕާނުގެ ނިއުކްލިޔަރ ސައެންސްވެރިންނާއި އިންޖިނޭރުންގެ ޓީމަކުން މިހާރު ބަލަމުން ގެންދާ ކަމަށް ޚަބަރުތައް ބުނެއެވެ.

ފުކުޝީމާ ނިއުކްލިޔަރ އެކުވެނި ގޮވީ ޖަޕާނަށް އިއްޔެއައި ބަރުގަދަ ބިންހެލުންތަކާގުޅިގެން އެއެކުވެނީގެ ރިއެކްޓަރެއްގެ ފިނިކުރާބައި ފޭލްވެ ހޫނުމިން މައްޗަށް ގޮސްގެންނެވެ. މިގެއްލުންތައް ފޫބައްދައި ރޭޑިއޭޝަން ބޭރުވިޔަ ނުދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާ ކަމަށް ޖަޕާން ސަރުކާރުން ބުނެއެވެ.

ފުކުޝީމާ އެކުވެނީގެ ރިއެކްޓަރެއް ގޮވި މައްސަލާގައި ޖަޕާނަށް ފަންނީ އެހީ ދޭން ތައްޔާރަށް އޮތްކަން އަވަށްޓެރި ރަޝިޔާއާއި އެމެރިކާ ވަނީ ހާމަކޮށްފައެވެ. އިންޓަރނޭޝަނަލް އެޓަމިކް އެނަރޖީ އެޖެންސީ ން މިހާރު ގެންދަނީ ޖަޕާނަށް ނިއުކްލިޔަރ ފަންނީ ޓީމެއް ފޮނުވުމަށް ތައްޔާރު ވަމުންނެވެ. -- ނޫސްއެޖެންސީތައް