12 Aug 2015, 20:30
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މަތިންދާ ބޯޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ ބައެއް ތަކެތި ލައްގާފައި ވާތީ އެތަކެތި ތަހުލީލު ކުރުމަށް މެލޭޝިއާގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މެލޭޝިއާގެ ޓީމް ރާއްޖެ އައިސްފައި ވަނީ އިއްޔެ ކަމަށެވެ.
މެލޭޝިއާގެ ޓީމް އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ ޑިރެކްޓަރު ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން ދާތޯ ޝްރީ އަޒުހަރުއްދީން އަބްދުއްރަހްމާނެވެ.
އެ ޓީމުގެ ފަރާތުން މިއަދު ވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި ފުލުހުންގެ ކަމާ ބެހޭ ފަރާތްތަކާ ބައްދަލުކޮށްފަ އެވެ.
މަތިންދާ ބޯޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ ތަކެތި އެންމެ ފުރަތަމަ ފެނިފައި ވަނީ ކ. ބަނިއަން ޓްރީ ރިސޯޓުންނެވެ. އެތަނުން ފެނުނު ބައެއް ތަކެތި ނައްތާލުމަށްޓަކައި ތިލަފުއްޓަށް ވަނީ ގެންގޮސްފަ އެވެ. ނަމަވެސް އެތަކެތި ނައްތާލިތޯ ނުވަތަ ނޫންކަން އަދި ކަށަވަރެއް ނުވެއެވެ.
ތިލަފުށީ ޕޮލިސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން އަންނަނީ އެރަށަށް ގެންދިޔަ ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ބަނިއަން ޓްރީ ރިސޯޓުގެ އިތުރުން ބައެއް ރަށްތަކުން ވެސް ވަނީ ފްލައިޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ ތަކެތި ފެނިފައެވެ.
އެތަކެތި ރާއްޖެއިން ފެނިފައި ވަނީ އިންޑިއާ ކަނޑުގައިވާ ޖަޒީރާ ރަށެއް ކަމަށްވާ ރީޔުނިއަންއިން މެލޭޝިއާ އެއާލައިންގެ ފިޔަގަނޑެއްގެ ބައެއް ފެނިފައި ވަނިކޮށެވެ. މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ވިދާޅުވެފައި ވަނީ އެތަނުން ފެނުނު މަތިންދާ ބޯޓުގެ ބައިތަކަކީ ގެއްލިފައިވާ މެލޭޝިއަން އެއާލައިންސްގެ އެމްއެޗް 370 ގެ ބައިތަކެއް ކަމަށް ފްރާންސުން އެތަކެތި ތަހުލީލު ކުރި ފަރާތްތަކުން ޔަގީންކޮށްދީފައިވާ ކަމަށެވެ.
އެންމެ ފަހުން އެމްއެޗް 370 ފްލައިޓްގެ ޚަބަރެއް ވެފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހު އަށް ވަނަ ދުވަހު މެލޭޝިއާގެ ވެރިރަށް ކްއާލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބޭޖިންއަށް ނާއްޓަލި ފަހުންނެވެ. ބޯޓު ނައްޓާލިތާ ގަޑިއެއްހާއިރު ފަހުން ބޯޓުގެ ސިގުނަލް ގެއްލި، މިއަދާއި ހަމަޔަށް ވެސް އެ ބޯޓުވީތަނެއް ނޭނގެ އެވެ.
އެ ދުވަހު އެ ބޯޓު ބޭޖިންއަށް ދާން ނައްޓާލި އިރު އެ ބޯޓުގައި ޗައިނާގެ 152 ރައްޔިތުން ތިއްބެވެ. އަދި ބޯޓުގެ ކްރޫންނާއި ފަސިންޖަރުންނާ އެކު ޖުމްލަ 239 މީހުން އެ ބޯޓުގައި ދަތުރު ކުރި އެވެ.