12 Aug 2015, 19:42
ނ. ވެލިދޫގައި ފުރާވަރު ކުދިން މަސްތުވާ ތަކެތި ބޭނުންކުރުން އިތުރު ވަމުންދާތީ އެކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން އެކަން މުޅި ރަށުން ނައްތާލުމަށް ފުލުހުންގެ ޚާއްސަ މަސައްކަތްތަކެއް ކޮށްދިނުމަށް ވެލިދޫ ކައުންސިލުން ފުލުހުންގެ ކިބައިން އެދިއްޖެ އެވެ.
ވެލިދޫ ކައުންސިލުން އެގޮތަށް އެދުނީ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދާ ރޭ ބައްދަލު ކުރެއްވުމަށްފަހު އެވެ. އެ ބައްދަލުވުމުގައި ވެލިދޫ ކައުންސިލަރުންނާއެކު ވެލިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނެފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމަށް ވެލިދޫގައި ހާއްސަ ހަރަކާތްތަކާއި އޮޕަރޭޝަންތަކެއް ހިންގަވައި ދެއްވާނެ ކަމުގެ ޔަގީން ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ދެއްވާފައިވާ ކަމަށެވެ.
އެ އޮޕަރޭޝަންތައް ކުރިއަށް އޮތް އަޟްޙާ އީދު ބަންދުގެ ކުރިން ވެލިދޫގައި ހިންގަވައި ދެއްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވި ކަމަށް ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދާއެކު ރޭ ބޭއްވި ބައްދަލުވުމަށްފަހު ވެލިދޫ ކައުންސިލަރުންނާއި މެމްބަރު ޔާމީން ފޮޓޯއަކަށް ހުއްޓިގެން ---- ދޮޓޯ: ޕޮލިސް
ފުލުހުންގެ ވެބް ސައިޓުގައި ބުނެފައި ވަނީ ވެލިދޫގައި ގާއިމްވެ ތިބޭ ފުލުހުންގެ އަދަދު އިތުރުކޮށްދެއްވުމަށް އެ ރަށު ކައުންސިލުން އެދިފައިވާ ކަމަށާއި އިތުރުކޮށްދެއްވާ ފުލުހުންގެ ތެރޭގައި ވެލިދޫއަށް ނިސްބަތްވާ ފުލުހުން ހިމެނުމަށް ކައުންސިލަރުން އެދިފައިވާ ކަމަށެވެ.
ރޭ ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވެލިދޫ ކައުންސިލުން ވަނީ ފުލުހުންގެ މަސައްކަތްތަކަށް ކައުންސިލްގެ ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ކޮމިޝަނަރަށް އަރުވާފަ އެވެ.