12 Aug 2015, 18:33
އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.
މި އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު މާލޭގައި ކުރި މުޒާހަރާއާ ގުޅިގެން އަލީ ވަހީދުގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުން ޕީޖީއަށް ހުށަހެޅި މައްސަލަ ވަނީ އަނބުރާ ފޮނުވާލާފަ އެވެ.
އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރަން ފުލުހުން ޕީޖީއަށް ފޮނުވީ އަނިޔާވެރިކަމަށް ހިތްވަރުލިބޭގޮތަށް މޭޑޭ މުޒާހަރާގައި އޭނާ ވާހަކަފުޅުދެއްކެވި ކަމުގެ ތުހުމަތުގައެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އަލީ ވަހީދުގެ މައްސަލަ އަނބުރާ ފޮނުވާލީ އޭނާގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައިނުވާތީ ކަމަށެވެ.
"އަލީ ވަހީދުގެ މައްސަލަ މި އޮފީހުން ދިރާސާކޮށް ބެލިއިރު، އޭނާގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައިނުވާކަން ފާހަގަކުރެވުނީ. އެހެންކަމުން އެ މައްސަލަ ވަނީ އަނބުރާ މޯލްޑިވްސް ޕޮލިސް ސާވިސް އަށް ފޮނުވާލާފައި،" އޮފިޝަލް ވިދާޅުވިއެވެ.
އަނިޔާވެރިކަމަށް ހިތްވަރު ލިބޭގޮތަށް މޭޑޭ މުޒާހަރާގައި ވާހަކަދެއްކެވި ކަމުގެ ތުހުމަތުގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމްގެ އިތުރުން އެ ޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް ސޮބާހު ރަޝީދުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ.
އެބޭފުޅުންގެ ތެރެއިން އަމީން އިބްރާހާއި ސޮބާހު ރަޝީދު މިހާރު ތިއްބެވީ އަލީ ވަހީދާ އެކު އިނގިރޭސިވިލާތުގައެވެ.