12 Aug 2015, 18:02
ރާއްޖެއިން ތެޔޮ ހޯދުމުގެ ގޮތުން މިއަހަރުގެ ތެރޭގައި ބަޔަކާ މަސައްކަތް ހަވާލުކޮށް އެއްބަސްވުމެއްގައި ސޮއި ކުރެވިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޝައިނީ ވިދާޅުވީ، ދެ ކުންފުންޏަކުން ރާއްޖޭގައި ތެޔޮ ހޯދުމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ ކަމަށެވެ.
އެގޮތުން މިހާރު ޔޫކޭގެ ކުންފުންޏެއް ކަމަށް "ޒިބުރާ ޑޭޓާ ސައިންސް" ނަމަކަށް ކިޔާ ކުންފުންޏަކުން ރާއްޖެ އައިސް ސަރުކާރަށް އެކުންފުނީގެ ހުށަހެޅުން ހުށަހަޅާފައިވާ ކަމަށް ޝައިނީ ވިދާޅުވި އެވެ.
"މިވަގުތަށް ދެކުންފުންޏަކުން ޝައުގުވެރިކަން ވަނީ ފާޅުކޮށްފައި. މި ފަރާތާއި އަޅުގަނޑުމެން އަދި ހަވާލު ކުރީއެއް ނޫން. އެހެންނަމަވެސް އަދި ދެވަނަ ފަރާތުން އަޅުގަނޑުމެންނާ ހަމައަކަށް އަދި ނާދޭ. އައިސްފައި އަޅުގަނޑުމެންނަށް އެބޭފުޅުންގެ ހުށަހެޅުން ވެސް ހުށަހަޅާނެ. އެބޭފުޅުންގެ ހުށަހެޅުން ހުށަހެޅީމަ އިކޮނޮމިކު ކައުންސިލުގައި އަޅުގަނޑުމެން މަޝްވަރާ ކުރެއްވުމަށްފަހުގައި އެންމެ ރަނގަޅު ބަޔަކާ ހަވާލު ކުރާނަން،" ޝައިނީ ވިދާޅުވި އެވެ.
މިނިސްޓަރު ޝައިނީ ވިދާޅުވީ، ތެޔޮ ހޯދުމަށް ކުރަމުންދާ މަސައްކަތަށް ސަރުކާރުން އެއްވެސް ހަރަދެއް ނުކުރާ ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި ތެލުގެ "ޕޮޓެންޝަލް" ހުރުމުން އެކަމަށް ޝައުގުވެރިވާ ބައިނަލްއަގުވާމީ ކުންފުނިތަކުން ރާއްޖެ އައިސް ތެޔޮ ހޯދުމަށް ބޭނުންވާ ކަމަށެވެ.
"މިތާނގައި [ރާއްޖޭގައި] ތެލުގެ ފޮޓެންޝަލް ހުރުމުން ބޭރުގެ ފަރާތްތަކުން އެ ރިސްކު ނަގައިގެން މިތަނަށް އަންނަން ބޭނުން ވަނީ. އެއީ ހަމަގައިމުވެސް ރާއްޖޭގައި އެ ޕޮޓެންޝަލު ހުރުމުން،" ޝައިނީ ވިދާޅުވި އެވެ.
އިކޮނޮމިކް ކައުންސިލުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގެ ތެރޭން -- ސަން ފޮޓޯ: އަލީ ނަސީރު
ޔޫކޭގެ ޒިބްރާ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ޔާން ކިން އެލެކްސީ ވިދާޅުވީ، ރާއްޖޭން ތެޔޮ ނުވަތަ ގޭސް ފެނޭތޯ ކުރަމުން އަންނަ މަސައްކަތަކަކީ ގައުމަށް ނުރައްކާ ވަރަށް ކުޑަ މަސައްކަތެއްގެ ގޮތުގައި ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ، މި ސްޓޭޖްގައި އަދި އެއްވެސް ކަމެއް ކަށަވަރު ނުކުރެވޭނެ ކަމަށާއި ތެލާއި ގޭސް ހޯދުމަށް ކުރާ މަސައްކަތަކީ ވަރަށް ދިގުލައިދާ މަސައްކަތެއް ކަމަށެވެ.
އަދި ވިދާޅުވީ، މިހައިތަނަށް ރާއްޖެއާ ބެހޭ ގޮތުން އެނގޭ މިންވަރުން އެއީ ވަރަށް އުއްމީދީ މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"... އަހަރެމެންނަށް މިހައިތަނަށް އިނގޭ އެނގުމުން މިއީ ވަރަށް އުއްމީދީ ކަމެއް. އެހެނީ މިސަރަހައްދަކީ ދުނިޔޭގެ ތެލާއި ގޭހުގެ މަސައްކަތަށް އިންވެސްޓްކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ޝައުގުވެރިވާނެ ސަރަހައްދެއް،" އޭނާ ވިދާޅުވިއެވެ.