ލޭ ހަދިޔާ ކުރާ މީހާއަކީ ލޭގެ ޒަރިއްޔާއިން އެއްވެސް ބައްޔެއް ޖެހުމަށް މަގުފަހިވާކަން އެނގި ހުރެ އެފަދަ އަމަލެއް ހިންގާ މީހަކު ކަމަށް ވެއްޖެ ނަމަ އެމީހަކު ޖޫރިމަނާކޮށް ޖަލަށް ލުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިިޓީން ނިންމައިފި އެވެ.

މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ކޮމިޓީގެ މެމްބަރުން ވަނީ އެފަދަ އަމަލެއް ހިންގާ ފަރާތްތައް ޖޫރިމަނާކޮށް ޖަލަށް ލުމަށް ނިންމާފަ އެވެ.

ހެލްތު މިނިސްޓްރީގެ ބޭފުޅުން ހާޒިރުކޮށްގެން ކުރިއަށް ގެންދިޔަ ކޮމިޓީގައި އެ މިނިސްޓްްރީން ވެސް ވަނީ އެ އިސްލާހަށް ތާއީދުކޮށްފައެވެ. އެގޮތުން އެހެން އިންސާނެއްގެ ފުރާނައަށް ގެއްލުން ލިބިދާނޭ އެފަދަ އަމަލަކީ ބޮޑު ކުށެއް ކަމަށް ކަނޑައެޅުމަށް ހެލްތު މިނިސްޓްރީން ވެސް ތާއީދުކުރިއެވެ.

ލޭގެ ޒަރީއާއިން އެހެން މީހަކަށް ބައްޔެއް ޖެހިދާނޭ ކަން އެނގިހުރެ ލޭ ހަދިޔާކުރާ ފަރާތްތައް ޖޫރިމަނާ ކުރާނޭ އަދަދެއް ކަނޑައެޅުމުގައި ގިނަ މެންބަރުންގެ މެދުގައި ވަނީ ހިޔާލުތަފާތު ވެފައެވެ. ފުރަތަމަ ވާހަކަފުޅުދެއްކެވި ގިނަ މެންބަރުން ވަނީ ޖޫރިމަނާ އަށް 10،000 ރުފިޔާ އާ 100،000 ރުފިޔާގެ އަަދަދެއް ހަމަޖެއްސުމަށް ލަފާދެއްވައިފައެވެ. ނަމަވެސް އެ މައްސަލައަކީ މީހަކު ގަސްދުގައި މަރާލުން ފަދަ ކަމެއް ކަމުގައި ބުނެ އެ ޖޫރިމަނާ އިތުރު ކުރުމަށް ގިނަ މެމްބަރުން ލަފާދެއްވިއެވެ.

ހެލްތު ސާވިސްގެ ބިލުގައި ކުރިން ބުނާގޮތުގައި ޖަރާސީމެއް ލޭގައި ހުރިކަން އެނގިހުރެ ލޭ ހަދިޔާ ކުރާ މީހަކަށް ވަކި އަދަބެއް ކަނޑައަޅައިފައެއް ނޯވެއެވެ. އޭގައި ބުނެފައިވަނީ އެފަދަ އަމަލެއް ހިންގައިގެން ނުވާނޭ ކަމަށެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ހުށަހާޅާފައިވާ ބިލަކީ ދިވެހި ރާއްޖޭގެ ސިއްހީ ހިދުމަތުގެ ފެންވަރު ހަރުދަނާ ކޮށް ދެމެހެއްޓެނިވި ގޮތެއްގައި ދެވޭނެ ހިދުމަތެއްގެ ގޮތުގައި މަގުފަހިކޮށްދިނުމަށް ހުށަހަޅައިފައިވާ ބިލެއް ކަމަށް އޭނާ ވިދާޅުވި އެވެ.