12 Mar 2011, 20:56
ޑިމޮކްރެޓިކް ވެރިކަމެއް ހިންގާ ގައުމަކުން ފެނިގެން ނުވާނެ އިންސާނީ ހައްގުތަކާ ހިލާފު ކަންކަން މިދިއަ އަހަރު ރާއްޖޭގައި ހިނގާފައި ވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.
އެޗްއާރްސީއެމްއިން މިއަދު އާންމު ކުރި އެ ކޮމިޝަންގެ 2010 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ވޭތުވެ ދިޔަ އަހަރުގެ ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ ގުޅޭގޮތުން މައިގަނޑު ގޮތެއްގައި ބުނަނީ ދައުލަތުގެ ތިންބާރު ވަކިވެ ދިމިގްރާތީ ނިޒާމެއް ހިނގަމުން އަންނަ ގައުމެއްގައި ފެނިގެން ނުވާނެ އިންސާނީ ހައްގުތަކާ ހިލާފު ބައެއް ކަންތައްތައް ރާއްޖޭގައި މިދިޔަ އަހަރު ހިނގި ކަމަށެވެ.
އެގޮތުން ސާބިތުނުހިފޭ ކަންކަމުގައި ސިޔާސީ ލީޑަރުން ބަންދު ކުރުމާއި އޮގަސްޓް7، 2010 ގައި ސުޕްރީމް ކޯޓުގައި ތަޅުއަޅުވައި ރައީސުލްޖުމްހޫރިއްޔާ އެ ކޯޓަށް ވަގުތީ ފަޑިޔާރުން އައްޔަން ކުރުމާއި ކެބިނެޓް އެއްފަހަރާ އިސްތިއުފާ ދިނުންފަދަ ކަންކަން ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ. ދޭދޭ މީހުންގެ މެދުގައި ހިންގާ ޒާތީ މުއާމަލާތްތައް މިދިއަ އަހަރު މީޑިޔާގައި އާންމުކޮށް އޭގެ ސަބަބުން މީހުން، ޒާތީ މުއާމަލާތްތައް ކުރަން ޖެހިލުންވިކަމަށްވެސް ބުނެފައި ވެއެވެ.
ކޮމިޝަނުގެ ރިޕޯޓް ބުނަނީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ މިނިވަންކަން ހިމާޔަތް ކުރަން ހަދަންޖެހޭ ގާނޫނުތަކެއް ނުހެދި ލަސްވުމުގެ ސަބަބުން ބައެއް ފަރާތްތަކުގެ ހައްގު ގެއްލިފައިވާއިރު ސިވިލް ސާވިސް އާއި ޕޮލިޓިކަލް ސާވިސް ގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުގެ ހައްގުތައް ގެއްލިފައިވާ ކަމަށެވެ.
"... މުވައްޒަފުންނަށް ލިބެންވާ ފުރިހަމަ މުސާރަ ފާއިތުވި އަހަރު ނިމިގެން ދިޔައިރުވެސް އިއާދަކުރެވިފައި ނުވާކަމާއި، މުސާރައިން އުނިކުރި ބައި އަނބުރާ ލިބޭނޭ ދުވަހެއްގެ ޔަގީންކަން ނެތުމާއި މަސައްކަތުގެ މާހައުލުން ލިބެންޖެހޭ ރައްކާތެރިކަން އެކަށީގެންވާ ގޮތެއްގައި ނުލިބުމުގެ ސަބަބުން ގިނަ ފަރާތްތަކަކަށް ނަފްސާނީ ނުތަނަވެސް ކަން ކުރިމަތިވެފައި ވެއެވެ." 113 ސޮފުހާގެ އެ ރިޕޯޓުގައި ބުނެ އެވެ.
ދެހާސް ނުވަ ވަނަ އަހަރުގެ ރިޕޯޓުގައި ވެސް އެޗްއާރްސީއެމް އިން ކަންބޮޑުވުން ފާޅުކުރިގޮތަށް މިދިޔަ އަހަރުގެ ރިޕޯޓުގައިވެސް ގޭންގު މާރާމާރީ އާއި ރޭޕްކުރުމާއި، މީހުންގެ އަބުރާ އިއްޒަތް ނަގާލުމަށް މަސައްކަތް ކުރުން ފަދަ ކަންކަން ހިނގާފައި ވާކަން ފާހަގަކޮށްފައި ވެއެވެ. މީގެ އިތުރުން މާރާމާރީ ހިންގުމުގައި ސިޔާސީ އިސް ފަރާތްތައް ބައިވެރިވާކަން ފާހަގަ ކުރަމުން އެޗްއާރްސީއެމް އިން ބުނަނީ "މާރާމާރީ ހިންގުމުގެ ނުބައި އަމަލު ސިޔާސީ ޕާޓީތަކުގެ އިސް ސަފުގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ފަރާތުންވެސް މިދިޔަ އަހަރު ފެނިގެން" ގޮސްފައި ވާކަމަށެވެ.
ކުށްކުރާ މީހުންނަށް ހައްގު އަދަބު ނުލިބި މިނިވަން ކަމާއެކު މަގުތަކަށް ދޫވެފައިވާތީ ކަންބޮޑުވުން ފާޅުކޮށް ރިހިބިލިޓޭޝަންގެ ރަނގަޅު ޕްރޮގްރާމްތަކެއް ރޭވި ހިނގަމުން ނާންނަ ކަމަށް ވެސް ބުނެފައި ވެއެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި މީޑީޔާވެސް ހިމެނެ އެވެ. އެ ގޮތުން މީޑިޔާގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ނޫސްވެރިންނަށް ބިރުދެއްކުމާއި މާރާމާރީ ހިންގުންފަދަ ކަންކަން ބައެއް ފަރާތްތަކުން ކޮށް، މުޒާހަރާއެއް ކަވަރު ކުރަމުން ގެންދިޔަ ނޫސްވެރިންތަކަކަށް އަނިޔާވާގޮތަށް ފުލުހުން ބާރުގެ ބޭނުންކޮށް ހުރަސްއެޅި އެޅުމުގެ މައްޗަށް ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.
ކޮމިޝަންގެ ރިޕޯޓްގައި ކަންބޮޑުވުންތައް ފާހަގަކޮށްފައިވާއިރު އިންސާނީ ހައްގުތަކުގެ ރޮނގުން ރާއްޖެ މިދިއަ އަހަރު ހޯދި ކުރިއެރުންތައް ވެސް ރިޕޯޓްގައި ހިމަނާފައި ވެއެވެ. އެގޮތުން އދ ގެ ހިއުމަންރައިޓްސް ކައުންސިލް (ޔޫއެންއެޗްއާރްސީ) ގެ މެންބަރަކަށް ރާއްޖެ ވުމާއި އަދި މަދަނައިގެ ދަށުން ބޭސްފަރުވާ އާއި ފައިސާގެ އިނާޔަތްތައް ދޭންފެށި ފެށުމަށް މަރުހަބާ ކިޔައި އިންސާނީ ހައްގުތަށް ކުރިއަރުވަން ހުރިހާ ފަރާތެއް ގުޅިގެން މަސައްކަތް ކުރުމަށް އެދިފައިވެސް ވެއެވެ.
"... މުޖްތަމައުގައި ހިނގާ އިންސާނިއްޔަތާއި ހިލާފު އަމަލުތައް ހުއްޓުވައި، ރައްޔިތުންނަށް މިނިވަންކަމާއެކު ދިރިއުޅެވޭނެ ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ސަރުކާރާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ވެސް މިވަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަންޖެހިފަ އެވެ،" ރިޕޯޓްގައި ވެއެވެ.