12 Aug 2015, 16:39
އަންކަރާ (އޮގަސްޓް 12): ސޫރިޔާގެ އުތުރުގައި ހަނގުރާމަކުރުން މަނާ ސަރަހައްދެއް ގާއިމް ކުރުމަށް ތުރުކީން ނިންމާފައިވާކަމަށާއި ތުރުކީ އެކަނިވެސް އެކަންކުރާނެކަމަށް އެގައުމުގެ ބޮޑު ވަޒީރު އަޙްމަދު ދާވޫދު އޮގްލޯ ވިދާޅުވެއްޖެ އެވެ.
ބީބީސީ އަށް ދެއްވި ބަސްދީގަތުމެއްގައި އޮގްލޯ ވިދާޅުވީ، ސޫރިޔާގެ އުތުރުގައި ހަނގުރާމަކުރުން މަނާ ސަރަހައްދެއް ގާއިމްކުރަނީ ސޫރިޔާގެ ރެފިއުޖީންގެ ހައްގުގައި ކަމަށެވެ.
އޮގްލޯ މިހެން ވިދާޅުވެފައި މިވަނީ ސޫރިޔާގެ އުތުރުގައި ހަނގުރާމަކުރުން މަނާ އަމާން ސަރަހައްދެއް ގާއިމް ކުރުމާބެހޭ އެއްބަސްވުމެއް އެމެރިކާ އާއި ތުރުކީއާދެމެދު ވެފައި ނޯންނާނެކަމަށް ވިދާޅުވެ އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން މާކްޓޫނަރ ބަޔާނެއް ދެއްވުމާ ގުޅިގެންނެވެ.
މާކްޓޫނަރ ވިދާޅުވީ، ތުރުކީއާއެކު އެމެރިކާ އެއްބަސްވެފައިވާނީ ސޫރިޔާގައިވާ އައިއެސްގެ މަރުކަޒުތަކަށް ހަމަލާތައް ދިނުމަށްބޭނުންވާ ހަތިޔާރާއި އެނޫން ލޮޖިސްޓިކްސް ތުރުކީގެ އެންގްރެލިކް ވައިގެ ބޭހަށް ޖަމާކުރުމާބެހޭގޮތުންނެވެ.
ސޫރިޔާގައިވާ އައިއެސްގެ މަރުކަޒުތަކަށް ވައިގެ ހަމަލާތައް ދިނުމަށްޓަކައި ތުރުކީ ސަރުކާރުންވަނީ އެގައުމުގެ ދެކުނުގައިވާ އެންގްރެލިކް ވައިގެ ބޭސް ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް ދީފައެވެ. މިބޭސް ބޭނުންކޮށްގެން އެމެރިކާ ވަނީ ސޫރިޔާގައިވާ އައިއެސްގެ މަރުކަޒުތަކަށް ވައިގެމަގުން ހަމަލާތައްދޭން ފަށާފައެވެ.
ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ބިރުވެރިކަމާއެކު އަމިއްލަ ގެދޮރާއި ގައުމު ދޫކޮށްދާ ސޫރިޔާގެ ރެފިއުޖީންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ރެފިއުޖީންނަށް ހިޔާވަހިކަމާއި އިންސާނީއެހީ ފޯރުކޮށްދޭ ގައުމަކީ ތުރުކީއެވެ.
އދ. ގެ ރިޕޯޓްތައް ބުނާގޮތުން ތުރުކީގައި ސޫރިޔާގެ 1.8 މިލިޔަން ރެފިއުޖީން ދިރިއުޅެއެވެ. އެމީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭހާއި ތައުލީމާއި ހިޔާވަހިކަމަށް ކުރަންޖެހޭ ޚަރަދުގެ ބޮޑުބައި އަދާކުރަނީ ތުރުކީ ސަރުކާރުންނެވެ.
ހަނގުރާމަކުރުން މަނާ ސަރަހައްދެއް ސޫރިޔާގެ އުތުރުގައި ގާއިމްކުރުމަށްފަހު އެތަނުގައި ހަނގުރާމަ ނުކުރެވޭނެ ކަމަށާއި އަދި ހަތިޔާރާއެކު އެސަރަހައްދަށް ވަންނަ ކޮންމެ ބަޔަކާދެކޮޅަށް ތުރުކީ ސިފައިން ވައިގެ މަގުން ހަމަލާދޭނެކަމަށް އޮގްލޯ ވިދާޅުވިއެވެ. އަދި ސޫރިޔާގެ ރެފިއުޖީންނަށް އެސަރަހައްދުގައި އަމާންކަމާއެކު ދިރިއުޅެވޭނެކަމުގެ ޖާމިނުވުން ތުރުކީންދޭނެ ކަމަށްވެސް އޮގްލޯ ވިދާޅުވިއެވެ. (ބީބިސީ)