12 Aug 2015, 16:08
މުވައްޒިފުންގެ މެދުގައި ހިލޭ ކޯލް ކުރެވި އެސްއެމްއެސް ކުރެވޭ ހިދުމަތް އުރީދޫ އިން ޖެންޑާ މިނިސްޓްރީ އަށް ދިނުމަށް އެއްބަސްވެއްޖެ އެވެ.
އުރީދޫ އޮފީހުގައި މިއަދު ބޭއްވި ހަފްލާއެއްގެ ޖެންޑާ މިނިސްޓުރީގެ ފަރާތުން އެއެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝީރީން އެވެ. އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ވިކްރަމް ސިންހަ އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރު މުހައްމަދު ޝަކީބް ވިދާޅުވީ އެ މިނިސްޓްރީގެ އިދާރާތަކަކީ އަތޮޅުތެރޭ އެކިއެކި ރަށްރަށުގައި ހުންނަ އިދާރާތަކަކަށް ވުމުން އެނިޒާމުގެ ސަބަބުން ވަރަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.
އުރީދޫގެ ސީއީއޯ ވިކްރަމް ވިދާޅުވީ އެ ހިދުމަތް މެދުވެރިކޮށް ޝޯޓްކޯޑެއް ބޭނުންކޮށްގެން ހިލޭ ކޯލު ކުރެވި އެސްއެމްއެސް ކުރެވުމަކީ ފޯނުގެ ހަރަދު ކޮންޓްރޯލްކުރެވޭނެ އެ ހިދުމަތަތަކަށްވާތީ ރާއްޖޭގެ ގިނަ ކުންފުނިތަކުގެ މެދުގައި ވަރަށް މަގުބޫލް ހިދުމަތެއް ކަމަށެވެ.
ގްރޫޕް ތެރޭގައި ހަތަރު އަދަދުގެ ކުރު އަދަދު ބޭނުންކޮށްގެން ހިލޭ ކޯލް އަދި އެސްއެމްއެސް ކުރެވޭ އުރީދޫގެ އެމްވީޕީއެން ޚިދުމަތަކީ މިހާރު ވެސް ސަރުކާރުގެ އެކި މުއައްސަސާތަކުގައި ބޭނުންކުރަމުން އަންނަ ޚިދުމަތެކެވެ. އެގޮތުން ޕޮލިސް، އެމްއެންޑީއެފް، ޑީޕީއާރުއެސް، ޕީޖީ އޮފީހުގެ އިތުރުން ގިނަ ރިސޯޓުތަކެއްގައި ވެސް އެ ޚިދުމަތް ބޭނުންކުރެ އެވެ.