ރައްކާތެރި ބޯފެނާ ބެހޭ ގޮތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް މާލެ ވޯޓާ އެންޑް ސުވަރޭޖު ކޮމްޕެނީ (އެމްޑަބުލިއުއެސްސީ)ގެ ފަރާތުން ކުޅުދުއްފުށީގައި ފައްޓައިފި އެވެ.

ފެން ކުންފުނި، އެމްޑަބްލިޔުއެސްސީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ "ރައްކާތެރި ފެން އެންމެނަށް އަބަދުވެސް" ޝިއާރުގެ ދަށުން އިއްޔެ އިން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ހިންގާ އެ ޕްރޮގުރާމުގެ މައިގަނޑު މަގުސަދަކީ ރައްކާތެރި ގޮތުގައި ފެން ބޭނުން ކުރުމާ ބެހޭ މައުލޫމާތު ފޯރުކޮށް އެކަމުގެ މުހިއްމުކަމާ ބެހޭ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުން ކަމަށެވެ.

އެ ކުންފުނިން ބުނީ ކުޅުދުށްފުށީ ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނެވެރިންނަށް ސާފު ބޯފެން ބޭނުން ކުރުމުގެ މުހިއްމު ކަމުގެ އިތުރުން ރައްކާތެރި ނޫން ފެން ބޭނުން ކުރުމުން ކުރާ ނޭދެވޭ އަސަރުތަކާއި ނުރައްކަތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ސެޝަންތަކުގައި އެމްޑަބުލިއުއެސްސީ އިން ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ޓަކައި ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެކުންފުނިން ބުނީ "ރައްކާތެރި ފެން އެންމެނަށް އަބަދުވެސް" އެ ޝިއާރުގެ ދަށުން ކުޅުދުއްފުށީގެ ސްކޫލު ކުދިންނަށް އަމާޒުކޮށްގެން ތިން އުމުރު ފުރައަކަށް ބަހާލައިގެން ކުރެހުމުގެ މުބާރާތެއް ވެސް ހުޅުވާލާފައިވާ ކަމަށެވެ.

އެމްޑަބުލިއުއެސްސީން ބުނީ އެކުންފުނީގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި ރައްކާތެރި ބޯފެން އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.