ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑު ނުކޮށް ދައުލަތުގެ އިތުރު އިދާރާއެއްގެ މުސާރަ ބޮޑުކޮށް ނުދެވޭނެ ކަމަށް ޕީޕީއެމްގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްދޭ އިނާޔަތް 5000 ރުފިޔާ އަށް ބޮޑުކުރުމަށް މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު ހުށަހަޅުއްވާފައިވާ އިސްލާހު ބޭރުކޮށްލުމަށް ފާސްކުރި އިސްލާހެއް ކަމަށް ބައެއް މެމްބަރުން މިއަދުގެ މަޖިލީހުގެ ތަޅުމުގައި ވިދާޅުވަމުން ދާތީ އެއަށް ރައްދު ދެއްވައި ވާހަކަފުޅު ދައްކަވަމުން ނިހާނު ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ކުރިއެރުން ނުލިބި އިތުރު އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށެވެ.

ސިވިލް ސާވިސްގެ މުވައްޒަފުންނަށް ކުރިއެރުން ނުލިބި ދެން އިތުރު އެއްވެސް ކަމެއް އިރާދަކުރެއްވިއްޔާ މި ސަރުކާރަކުން ނުކުރާނެއަހުމަދު ނިހާނު ހުސައިން މަނިކު

މަޖިލީހުގެ ޖަލްސާއަށް ފަހު "ސަން" އާ ވާހަކަފުޅު ދައްކަވަމުން ނިހާނު ވިދާޅުވީ ރާއްޖޭގެ އެންމެ ބުރަ މަސައްކަތް ކުރާ ބަޔަކީ ސިވިލް ސާވިސް މުވައްޒަފުން ކަމަށެވެ. އޭނާ ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންނަށް ރަނގަޅު ގޮތެއް ހެއްދެވޭތޯ ރައީސް އަބްދުﷲ ޔާމީން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ކަމަށެވެ.

"ކިރިޔާ ވެސް ރައީސް ޔާމީނަށް ކަމެއް ކޮށްދެވެން އޮތިއްޔާ ލިސްޓުގެ ނަންބަރު އެކަކަށް އަންނާނީ ސިވިލް ސާވިސް މުވައްޒަފުންނަށް އެއްޗެއް ހޯދައި ދެއްވޭތޯ ބެއްލެވުން،" ނިހާނު ވިދާޅުވި އެވެ.

ނިހާނު ވިދާޅުވީ ފަނޑިޔާރުންގެ މުސާރަ ކަމުގައި ވިއަސް އަދި ވަޒީރުންގެ މުސާރަ ކަމުގައި ވިއަސް ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް ގޮތެއް ނުހައްދަވައި އެހެން ބައެއްގެ މުސާރައެއް ނުވަތަ އެހެން އިދާރާއެއްގެ މުސާރަ ބޮޑު ކުރުމަކީ ރައީސް ޔާމީނަށް ފަސޭހަފުޅު ކަމަކަށް ނުވާނެ ކަމަށެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ރައީސް ޔާމީން ބޭނުންފުޅުވާކަން ނިހާނު މިއަދު ހާމަ ކުރައްވާފައިވާ އިރު ޖޭއެސްސީ އިން ވަނީ ފަނޑިޔާރުންގެ މުސާރަ ބޮޑު ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުއްވާފަ އެވެ.