މިހާރު ކުރަމުންދާ ހުޅަނގުމޫސުމުގެ ވިއްސާރައާ ގުޅިގެން މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ އެވެ.

މިއަދު 11:30 އެހާކަންހާއިރުން ފެށިގެން ވެހެން ފެށިވާރޭގައި މާލޭގެ ގިނަ މަގުތައް ވަނީ ފެންބޮޑުވެފަ އެވެ.

އެގޮތުން ބޮޑުތަކުރުފާނު އައިޖީއެމްއެޗާއި ދިމާލުން ފެންބޮޑުވެފައިވާ އިރު، އަމީނީމަގާއި ބުރުޒުމަގުގެ ބޮޑުބައެއްގައި ވަނީ ފެންބޮޑުވެފަ އެވެ. މާލެއަށް މިއަދު ކުރަންފެށި ވިއްސާރައާ ގުޅިގެން ގުގުރައި ހެދި ވަގުތު ވަނީ އެސްޓީއޯ ހެޑް އޮފީހަށް ހޮނުއަޅާފަ އެވެ.

މެޓު އޮފީހުން ބުނީ މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. މޫސުން ގޯސްވެ ކަނޑުގަދަވުމާ ގުޅިގެން މ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް 12:10 އިން ފެށިގެން 2:10 އާ ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.

މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުތެރޭ ވެސް މޫސުން ގޯސްވާނެ ކަމަށާއި ހާއްސަކޮށް މެދު ރާއްޖޭތެރޭގެ އަތޮޅުތަކުގެ މޫސުން ގޯސްވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ހުރިހާ ހިސާބަކަށް ވެސް ކަނޑުގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.