12 Aug 2015, 14:28
މިދިޔަ ހޯމަ ދުވަހު ދ. ހުޅުދެލީ ކައުންސިލްގެ އިދާރާ ފަޅާލައި ވަގަށްނެގި 10،000 ރުފިޔާ ހޯދައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ހުޅުދެލީ ކައުންސިލް އިދާރާއިން ވަގަށް ނަގާފައިވާ ފައިސާތައް ފެނިފައިވަނީ ހުޅުދެލީ ކައުންސިލް އިދާރާ ކުރިމަތިން އޮންނަ މަގުގައި ހުރި ރުކެއްގެ ކައިރީގައި އޮތް ހަމެއްގެ ދަށަށް ލައި ފޮރުވާފައިވަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ މީހަކު ހައްޔަރުކޮށްފައި ވަނީ ހޯމަ ދުވަހުގެ ހަވީރު 4:30 ގައި ކަމަށެވެ. އެދުވަހު ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ފިރިހެނެކެވެ.
ޖެހިގެން އައި އަންގާރަ ދުވަހު އެ މައްސަލައާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަންގާރަ ދުވަހުގެ މެންދުރުފަހު 3:30 އެހާކަންހާއިރު ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެކެވެ.
ހުޅުދެލީ ކައުންސިލް އިދާރާގެ ދޮރު ހަލާކުކޮށްލައިގެން ވަދެ އެއިދާރާ ތެރޭގައި ހުރި މޭޒެއް ވަތްގަނޑުގައި ހުއްޓައި ވަގަށް ނަގާފައިވާ ފައިސާތަކަކީ އެކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފެއްގެ ފައިސާތަކެއް ކަމަށް ފުލުހުން ބުންޏެވެ.
"ވަގަށް ނަގާފައިވާ މި ފައިސާތައް ހޯދުމަށް ފުލުހުން ހިންގި އޮޕަރޭޝަނަށް ހުޅުދެލީ ކައުންސިލްގެ ވަރަށް ބޮޑު އެހީތެރިކަމެއް ފުލުހުންނަށް ލިބިފައިވޭ،" ފުލުހުން ބުންޏެވެ.
އެ މައްސަލަ އެއަތޮޅު ކުޑަހުވަދޫ ޕޮލިސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.