ޖަޕާނަށް އިއްޔެ އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، އުފެދުނު ސުނާމީގެ ސަބަބުން ހާލުގައި ޖެހިފައިވާ އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުވައިދިނުމުގެ ގޮތުން، ޖަޕާނަށް 1800 ކޭސް ދަޅުމަސް ހަދިޔާކުރުމަށް ދިވެހި ސަރުކާރުން ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުން ބުނީ، އެއީ 1.2 މިލިއަން ރުފިޔާގެ އަގުހުރި އެހީއެއް ކަމަށެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ޚަބަރެެއްގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ވަގުތީގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި، އެންވަޔަރަންމަންޓް މިނިސްޓާ މުހަންމަދު އަސްލަމް ވިދާޅުވެފައިވަނީ، ޖަޕާނަށް އެރި ސުނާމީގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އެ ގައުމުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަކީ، ރާއްޖެއިން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.

އަދި، ޖަޕާނަކީ، ރާއްޖޭގެ އެންމެ ގާތް، އެކުވެރި، އެއް ގައުމު ކަމާއި، އަދި ޖަޕާނަކީ، 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީގައި ރާއްޖެއަށް އެހީތެރިވި އެއް ގައުމުކަން ފާހަގަކުރައްވައި، ޖަޕާނަށް ކުރިމަތިވި ބޮޑު ހިތާމައިގެ ވަގުތުގައި، ރާއްޖެ އޮތީ އެ ގައުމާއެކު ކަމުގައި މިނިސްޓަރ އަސްލަމް ވިދާޅުވެފައި ވެއެވެ.

ދިވެހި ސަރުކާރުން ޖަޕާނަށް މިދޭ އެހީ، ޖަޕާނުގެ ހާލުގައި ޖެހިފައިވާ މީހުންނަށް ދިވެހި ސަރުކާރުން ވަރަށް އަވަހަށް ފޮނުވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ޖަޕާނަށް އިއްޔެ ކުރިމަތިވި ބިންހެލުމާއި، މި ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ ސަބަބުން، ވަރަށް ގިނަ ބަޔަކު މަރުވެ، ދެ ލައްކައަށް ވުރެ ގިނަމީހުންގެ ގެދޮރު ވަނީ ގެއްލިފައި އެވެ.