12 Aug 2015, 14:48
އަހަރުތަކެއް ވަންދެން ކުޑަކުދީންގެ ބަގީޗާގައި ބާއްވާފައި އޮތް ކިނބޫ އެހެން ތަނަކަށް ބަދަލުކުރުމާ ގުޅިގެން އެއަށްވީ ގޮތެއް އޮޅުންފިލުވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު މިއަދު ހުށަހެޅުއްވި ބިލުގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލު ހާޒިރު ކުރުމަށް ބުނެފައިވާ އިރު ބައެއް މީޑިއާތަކުން ކިނބޫ މަރާލިކަމަށް ދައްކާ ވާހަކަތަކަށް އެމްއެންޑީއެފް އިން ދޮގު ކޮށްފައި ނުވާ ކަމަށެވެ.
މަހުލޫފު ކޮށްފައިވާ ސުވާލުގައި އެ ކިނބޫ ގިނަދުވަސްތަކެއް ވަންދެއް ބޭއްވީތޯ ނުވަތަ ޒަހަރު ދިނުމަށް ފަހު އެ މަރާލީތޯ އައްސަވާފައިވެ އެވެ. އޭގެ އިތުރުން ކިނބޫ މަރާލުން ސިއްރު ކޮށްފައި ވަނީ ކީއްވެތޯ ކަން ވެސް މަހުލޫފުގެ ނޯޓިސްގައިވެ އެވެ.
އޭގެ އިތުރުން މަހުލޫފް ވަނީ އެޑިއުކޭޝަން މިނިސްޓަރު ވެސް ހާޒިރު ކުރުމަށް ހުށަހަޅާފަ އެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމު ހާޒިރު ކުރެއްވުމަށް މަހުލޫފު ވިދާޅުވެފައި ވަނީ ނ. އަތޮޅު މަދަރުސާގެ އިސްލާމް ކިޔަވައިދޭ ޓީޗަރެއް ނެތުމުން އެކަމާ ގުޅިގެން ކަމަށެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ވަޒީރުންނާ، މެމްބަރުން ކުރައްވާ ސުވާލުތަކުގެ ޖަވާބު ދެއްވުމަށް 14 ދުވަހުގެ ނޯޓިހެއް އެ ވަޒީރަކަށް މަޖިލީހުގެ އިދާރާއިން ދޭން ޖެހެ އެވެ. އެ މުއްދަތު ހަމަވުމުން އެ ސުވާލުތައް އެޖެންޑާ ކުރާނެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ ކިނބޫ، ސިފައިންގެ ބެލުމުގެ ދަށުން ރައްކާތެރި އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ޒަމާންތަކެއް ވަންދެން އެ ބަގީޗާގެ ކޮއްޓެއްގައި ބާއްވާފައި އޮތް ކިނބޫ އެހެން ތަނަކަށް ބަދަލުކުރީ ކީއްވެ ކަމެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.
އެ ކިނބޫ އަތުލައިގެންފައި ވަނީ މާލެ ވިލިމާލެ ފަޅުތެރެއިން މީގެ 17 އަހަރު ކުރިންނެވެ. އޭގެ ފަހުން އެ ކިނބޫ އެހެންތަނަކަށް ބަދަލުކުރި މިއީ ފުރަތަމަ ފަހަރު ވެސް މެ އެވެ.