12 Aug 2015, 15:54
ސިވިލް ސާވިސްގެ ވަޒީފާ އިން މުވައްޒަފަކު މުސްކުޅި ކުރާ އުމުރު ލަސް ކުރާ ގޮތަށް ދިވެހި ސިވިލް ސާވިސް ގާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާ އިން ބޭރުކޮށްލައިފި އެވެ.
އެ އިސްލާހު މަޖިލީހުން ބޭރުކޮށްލީ 57 މެމްބަރުން ވޯޓު ދެއްވައިގެން ނެވެ.
ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ސިވިސް ސާވިސް ގާނޫނަށް ގެނައުމަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ވަޒީފާ އިން މުސްކުޅިިކޮށް ވަޒީފާ އިން ވަކި ކުރާ އުމުރަކީ 60 އަހަރު ކަމަށެވެ. މިހާރު ގާނޫނުގައި ބުނެފައި ވަނީ ވަޒީފާ އިން މުސްކިޅު ކުރާ އުމުރަކީ 55 އަހަރު ކަމަމަށެވެ.
މޫސަ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ވަޒީފާ އިން މުސްކުޅިކޮށް ވަޒީފާ އިން ވަކި ކުރެވޭ މުވައްޒަފުންނަށް ދިވެހި ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތީން ޕެންޝަން ރިޓަޔަމަންޓް ބެނިފިޓު ލިބެންވާނެ ކަމަށެވެ.
މޫސަ ވިދާޅުވީ އެ ގާނޫނު އެގޮތަށް އިސްލާހު ކުރަން ހުށަހެޅީ މިހާރު ޕެންޝަނާ ބެހޭ ގާނޫނު ބުނާ ގޮތުން ވަޒީފާ އިން މުސްކުޅި ކުރާ އުމުރު ކަމަށް ބުނެފައި ވަނީ 55 އަހަރު ކަމަށާއި ނަމަވެސް އެމީހަކަށް ޕެންޝަން ބެނިފިޓް ލިބޭ އުމުރު ކަމަށް ގާނޫނުގައި ބުނެފައި ވަނީ 65 އަހަރު ކަމަށް ވުމުން ކަމަށެވެ.
މޫސަ ވިދާޅުވީ އެކަން އެގޮތަށް އޮތުމުން ގިނަ ރައްޔިތުންގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.
ދިވެހި ސިވިލް ސާވިސް ގާނޫނަކީ 2007 ވަނަ އަހަރު މަޖިލީހުން ފާސްކޮށް، އަމަލު ކުރަމުންދާ ގާނޫނެކެވެ.