ފައިސާއާ ގުޅުން ހުރި އެންމެހާ ކަންކަމުގެ ބިލުތައް ސަރުކާރަށް އެކަނި ހުށަހެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުގެ ގަވާއިދަށް އެ އިސްލާހު ގެނައުމަށް ފާސްވީ 43 މެމްބަރުން ވޯޓު ދެއްވައިގެން ނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 71 ވަނަ މާއްދާއަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ޓެކުހެއް ނެގުމަށް ނުވަތަ ޓެކުހެއް އުނިކުރުމަށް ހުށަހަޅާ ބިލުތަކާއި ދައުލަތުގެ މާލިއްޔަތުން ވަކި ކަމަކަށް ފައިސާ ހަރަދު ކުރުމަށް ނުވަތަ އުނި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ނޫނީ ގާނޫނަށް އިސްލާހު ހުށަހަޅާނީ ސަރުކާރުން ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައި މީގެކުރިން ބުނެފައި ވަނީ ޓެކުހެއް ނެގުމަށް ނުވަތަ ޓެކުހެއް އުނިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީ ސަރުކާރުން ކަމަށެވެ. އޭރު ފައިސާ އާ ބެހޭ އެންމެހައިކަންތަކެއް ނުހިމެނެ އެވެ.

އެ އިސްލާހު ފާސްވުމުން ސަރުކާރުން ހުށަހަޅާފައިވާ ބިލުތައް ނުވަތަ އިސްލާހުތައް ފިޔަވައި ދައުލަތުގެ މާލިއްޔަތަށް ވަކި ކަމަކަށް ހަރަދު ކުރުމަށް ނުވަތަ އުނި ކުރުމަށް ހިމެނޭ ބިލުތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން އެ ބިލަކާ މެދު ވަކި ގޮތެއް އަދި ނިންމާފައި ނުވާ ބިލުތައް ބާތިލު ވެގެންދާނެ އެވެ.