ރައްޔިތުންގެ މަޖިލީހުގެ ފަހަގެ ތާރީހެއްގައި މިއަދަކީ ކަޅު ދުވަހެއް ކަމަށް ބައެއް މެމްބަރުން ސިފަ ކުރައްވައިފި އެވެ.

ފައިސާއާ ގުޅޭ އެއްވެސް ބިލެއް ސަރުކާރަށް ނޫނީ ހުށަނޭޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އާއްމު ކޮމެޓީން ގެނެސްފައިވާ އިސްލާހާ ގުޅޭ ގޮތުން ބަހުސް ކުރައްވަމުން މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު ވިދާޅުވީ އެ އިސްލާހު އެގޮތަށް ފާސްވުމުން މަޖިލީހުގައި ދެން ތިއްބަވާ މެމްބަރުންގެ އެތައް ހައްގެއް ނިގުޅައިގަނެވިގެން ދާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިއަދު ލިބޭ ހައްގަކީ ބަސް ބުނެ ބިލު ހުށަހަޅައި އިސްލާހު ހުށަހެޅުމުގެ ހައްގު ކަމަށްވާ އިރު އޭގެތެރެއިން ވެސް ބޮޑުބައެއް ވެސް ނުގަޅައިގަނެވިގެންދާކަން އަޅުގަނޑު ފާހަގަކުރަން. ހަގީގަތުގައި މިއީ ކަޅު ދުވަހެއް ގޮތުގައި އަޅުގަނޑު ދެކެން،" އަނާރާ ވިދާޅުވި އެވެ.

މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު: ފޮޓޯ/ މަޖިލިސް

އަނާރާ ވިދާޅުވީ މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހަކީ އޭނާ މަޖިލީހަށް މީގެ އަހަރެއްހާ ދުވަސް ކުރިން ހުށަހަޅާފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ އިނާޔަތް ބޮޑު ކުރުމަށް ހުށަހަޅާފައިވާ އިސްލާހު "ނިޒާމުން ގެއްލުވާލަން ޖަހާފައިވާ މަޅިއެއް" ކަމަށެވެ.

މިއަދުގެ ޖަލްސާގައި އެ އިސްލާހާ ގުޅޭ ގޮތުން ބަހުސް ކުރިއަށް ދިޔައިރު އެއް މެމްބަރަކު އަނެއް މެމްބަރަކަށް ބަހުގެ ހަމަލާތައް ވަނީ ރައްދު ކުރައްވާފަ އެވެ. އެގޮތުން ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ވެސް ދައްކަވާފައި އެވެ.

އިސްލާހު ފާސްވުމުން އެކަމާ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ މަޖިލީހުގެ ގަވާއިދަށް އެ އިސްލާހު ގެނައުމަށް ސަރުކާރުން ނިންމީ މަޖިލީހަށް މެމްބަރަކު ހުށަހަޅާފައިވާ ބިލެއް މަޖިލީހުގެ ނިޒާމުން ގެއްލުވާލަން ނުވަތަ މަޖިލީހުން ބޭރުކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން: ފޮޓޯ/ މަޖިލިސް

"ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެން އަދާ ކުރަން ޖެހޭ ޒިންމާތަކެއް އެބައޮވޭ. އަދި ޒިންމާތަކެއް ވެސް އެބަހުރި. އޭގެތޭގައި ހިމެނޭ ކަމެއް ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ބިލުތައް ހުށަހެޅުން. އެ ބިލުތަކުގެ ހުރެދާނެ ބައެއް ކަހަލަ ކަންތައްތައް މާލީ ގޮތުން މަތިކޮށްފައި ހުންނަ ބިލުތަކެއް ހުރެދާނެ،" އަލީ ހުސައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އޮތީ ސަރުކާރުގެ އަތް މަތީގައި ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ބިލެއް ހުށަހަޅައިފި ނަމަ އެ ބިލެއް ބަލައިގަތުމުގެ ބަދަލުގައި އެ ބިލެއް މަޖިލީހުން ބޭރުކޮށްލެވޭނެ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުން އަންނަނީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް އެއްކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އޭނާ ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުން ހުށަހަޅާ ކަންކަން ނޫން މަސައްކަތް ވެސް ކުރެވެން ޖެހޭނެ ކަމަށާއި އެއީ މަޖިލީހުގައި ތިއްބެވީ ހަމައެކަނި ސަރުކާރު މެމްބަރުން ނޫން ކަމަށެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް: ފޮޓޯ/ މަޖިލިސް

"މިއީ ރައްޔިތުންގެ މަޖިލީހެއް ނޫން. މިއީ ސަރުކާރުގެ މަޖިލިސް. މި މަޖިލީހުގައި ރައްޔިތުންގެ ހައްގެއް ވެސް ދިފާއެއް ނުކުރެވޭނެ،" ރޮޒެއިނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 71 ވަނަ މާއްދާއަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ޓެކުހެއް ނެގުމަށް ނުވަތަ ޓެކުހެއް އުނިކުރުމަށް ހުށަހަޅާ ބިލުތަކާއި ދައުލަތުގެ މާލިއްޔަތުން ވަކި ކަމަކަށް ފައިސާ ހަރަދު ކުރުމަށް ނުވަތަ އުނި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީ ސަރުކާރުން ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައި މީގެކުރިން ބުނެފައި ވަނީ ޓެކުހެއް ނެގުމަށް ނުވަތަ ޓެކުހެއް އުނިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީ ސަރުކާރުން ކަމަށެވެ.

އެ އިސްލާހާ އެކު ސަރުކާރުން ހުށަހަޅާފައިވާ ބިލުތައް ނުވަތަ އިސްލާހުތައް ފިޔަވައި ދައުލަތުގެ މާލިއްޔަތަށް ވަކި ކަމަކަށް ހަރަދު ކުރުމަށް ނުވަތަ އުނި ކުރުމަށް ހިމެނޭ ބިލުތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން އެ ބިލަކާ މެދު ވަކި ގޮތެއް އަދި ނިންމާފައި ނުވާ ބިލުތައް ބާތިލު ވެގެންދާނެ އެވެ.