12 Aug 2015, 13:02
މާލޭގެ ހުޅަނގު އުތުރު ސަރަހައްދުގައި ހުންނަ، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ހެޑް އޮފީހަށް ހޮނުއަޅައިފި އެވެ.
މިއަދު 11:30 ކަންހާއިރު ފެށިގެން މާލެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އެސްޓީއޯ ހެޑް އޮފީހަށް ވިދުވަރަކާއެކު ހޮނުއަޅާފައިވާކަން އެކުންފުނިން ވަނީ ސަން އަށް ކަށަވަރުކޮށްދީފަ އެވެ.
އެސްޓީއޯގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު މުސްލިހު މަސީހް ވިދާޅުވީ، އެސްޓީއޯގެ ހެޑްއޮފީހަށް ހޮނުއެޅުމާ އެކު މުޅި އެއިމާރާތުން ކަރަންޓް ކެނޑިފައިވާ ކަމަށާއި ސްޓެލްކޯގެ ޓީމެއް އައިސް އެކަން ބަލަމުން އަންނަ ކަމަށެވެ. އެ ހާދިސާގައި އެއްވެސް މުވައްޒަފަކަށް ގެއްލުމެއް ނުވާ ކަމަށާއި އިމާރާތަށްވީ ގެއްލުން އަދި ސާފުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަރަންޓު ގޮސްގެން މިއުޅެނީ އަނެއްހެން ގެއްލުންވީވަރެއް ސްޓެލްކޯގެ ބަހަކަށް މަޑުކޮށްލައިގެން މިތިބީ. ހުރިހާ ސްޓާފުން އެންމެން ރަނގަޅު،" މުސްލިހު ވިދާޅުވި އެވެ.
އެސްޓީއޯ ހެޑް އޮފީހަކީ އެކުންފުނީގެ އިދާރީ މަސައްކަތްތައް ހިންގާ އޮފީހެވެ. ކުންފުނީގެ އިސްވެރިންވެސް މަސައްކަތް ކުރައްވަނީ އެއޮފީހުގަ އެވެ.