މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ދެމުންއަންނަ، "މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2015" އަށް އޮންލައިންކޮށް ވޯޓުދިނުމަށް ހުޅުވާލައިފި އެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ދެމުން އަންނަ އެންމެ ޝަރަފްވެރި އެވޯޑް، މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް އަށް އެސްއެމްއެސް މެދުވެރިކޮށް ވޯޓުދިނުމަށް ހުޅުވާލާފައިވާ އިރު، ޓްރެވަލް އެވޯޑްސް ދިނުމުގެ ހަފްލާ ބާއްވާ ތާރީހު މިހާރުވަނީ އަވަސްކޮށްފައެވެ.

މީގެ ކުރިން އަންނަ މަހު 29 ވަނަ ދުވަހު އެވޯޑް ދިނުމުގެ ހަފްލާ ބާއްވަން ނިންމާފައިވީ ނަމަވެސް، އެވޯޑް ދިނުމަށް މިހާރު ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހު 19 ގައި ކޮކޯ ބޮޑުހިތީގަ އެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ހަތަރުވަނަ އެޑިޝަން މިއަހަރު ބާއްވާ އިރު، އެ އެވޯޑްގެ ގްރޭންޑް ފިނާލޭ އަށް ޖުމްލަ 18 ކެޓަގަރީއަކުން 97 ފަރާތެއް ވަނީ ނޮމިނޭޓްވެފައެވެ.

އެސްއެމްއެސް އިން ވޯޓު ދިނުމުގެ ފުރުސަތު ދިރާގު އަދި އުރީދޫ ކަސްޓަމަރުންނަށް ވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން އެވޯޑަށް ވޯޓު ދިނުމަށް މެސެޖެއްގައި MTA000 ޖެހުމަށްފަހު ފޮނުވާނީ 5005 އަށެވެ. އެސްއެމްއެސް ފޮނުވާއިރު MTA ގެ ފަހަތައް 000 ގެ ބަދަލުގައި ޖަހާނީ ކޮންމެ ކެޓަގަރީއެއްގެ ނޮމިނޭޝަން ތަކަށް ހާއްސަ ކޯޑެވެ. ކޯޑުތައްމަޓާޓޯގެ ވެބްސައިޓުގައިޝާއިއުކުރެވިފައި ހުންނާނެ އެވެ.

އެސްއެމްއެސް އިން ވޯޓު ދިނުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށެވެ.

ދުބާއީގައި ބޭއްވި މަޓާޓޯ ޓްރެވަލް އެވޯޑްސްގެ ތެރެއިން: ގްރޭންޑްފިނާލޭ އަށް އެސްއެމްއެސް އިން ވޯޓުދޭން ވަނީ ހުޅުވާލާފައި ---- ސަން ފައިލް ފޮޓޯ

މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ، ކޮންމެ އަހަރަކު ވެސް ޓްރެވަލް އެވޯޑްސް އަށް އާކަމެއް ތައާރަފުކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިފަހަރު އޮންލައިންކޮށް ވޯޓުލާން ހުޅުވާލީ ރިސޯޓުތަކުގައި އުޅޭ މުއައްޒަފުންނާއި އާންމުން ވޯޓު ދިނުމުގައި ވީހާވެސް ބޮޑަށް ޝާމިލުކުރުމުގެ ބޭނުމުގައި ކަމަށެވެ.

ހައިރައިޒް ގެ ފަރާތުން ވިލަރެސް ކޮށްގެން ބާއްވާ އެ އެވޯޑު ދިނުމުގެ ގްރޭންޑް ފިނާލޭ އަންނަ މަހު ބާއްވަން ނިންމާފައިވާ އިރު، މަޓާޓޯ ޓްރެވަލް އެވޯޑްސްގެ ހާއްސަ އެޑިޝަނެއް ވަނީ މިދިޔަ މެއިމަހު ދުބާއީގައި ބާއްވާފައެވެ. އެ ހަފްލާގައި ވަނީ ހާއްސަ ހަ ކެޓަގަރީއަކުން އެވޯޑް ދީފައެވެ.

ސަން އޮންލައިނަކީ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރެވެ. އެގޮތުން ސަން އިން ވަނީ ދުބާއީގައި ބޭއްވި ގެ ވެސް ލައިވް ކަވަރޭޖެއް ސަންގެ ކިޔުންތެރިންނާ ހަމައަށް ގެނެސްދީފައެވެ.