12 Mar 2011, 19:45
މޮރިޝަސްގައި ދެވޭ އެންމެ މަތީ ޝަރަފް ކަމުގައިވާ "ގްރޭންޑް ކޮމާންޑަރ އޮފް ދި އޯޑަރ އޮފް ދަ ސްޓާރ އެންޑް ކީ އޮފް ދި އިންޑިއަން އޯޝަން" (ޖީ.ސީ.އެސް.ކޭ.)، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް، މޮރިޝަސްގެ ރައީސް ސަރ އަނުރޫދް ޖަގްނައުތު މިއަދު އަރުވައިފި އެވެ.
މި ޝަރަފް ރައީސް ނަޝީދަށް އެރުވީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފްގައި، މޮރިޝަސްގެ ރައީސް މިއަދު މެންދުރު ބޭއްވެވި ރަސްމީ ފަރިއްކޮޅުގައެވެ.
މީގެކުރިން، މޮރިޝަސްއިން މި ޝަރަފް އަރުވާފައިވާ ބޭފުޅުންގެ ތެރޭގައި، ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާއާއި، ގަޔާނާގެ ކުރީގެ ރައީސް ޗެއްޑީ ޔާގަން ހިމެނިވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ސަރ ސީވޫސާގުރ ރަމްގޫލަމް ބޮޓޭނިކަލް ގާޑްން އަށް ޒިޔާރަތް ކުރައްވައި، އެތަނުގައި ހުންނަ މޮރިޝަސްގެ ބާނީގެ ގޮތުގައި އެ ޤައުމުން ފާހަގަކުރާ، އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ސަރ ސީވޫސާގުރ ރާމްގޫލަމްގެ ހަނދާނީ ބިނާގައި މާބޮނޑިއެއް މިއަދު ބޭއްވިއެވެ.