12 Aug 2015, 12:14
ސިވިލް ސާވިސްގައި ހިމެނޭ އެކި އިދާރާތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި މުވައްޒަފުންގެ މަސައްކަތްތައް ކުރިއަށްދާގޮތް އެއްތަނަކުން ފަސޭހައިން ބަލާލުމަށް ޓަކައި ސިވިލް ސާވިސް ކޮމިޝަނުން ގާއިމްކޮށްފައިވާ އޮންލައިން ސޮފްޓްވެއާ، "ވިއުގަ 2.0" މިއަދު އިފްތިތާހުކޮށްފި އެވެ.
އެ ސޮފްޓްވެއާ މެދުވެރިކޮށް އަތޮޅުތަކުގައިވެސް ހުރި ސިވިލް ސާވިސްގައި ހިމެނޭ ހުރިހާ އިދާރާތަކެއްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އޮންލައިންކޮށް ބަލާލެވެ އެވެ. ނުވަތަ އެ ހުރިހާ ތަނަކާއި ސިވިލް ސާވިސް ކޮމިޝަން ގުޅުވައިދެ އެވެ.
ވިއުގަ 2.0 އިފްތިތާހު ކުރުމަށް މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސޮފްޓްވެއާ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު އަދި ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް ޑރ. މުހައްމަދު ލަތީފް އާއި ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ހަސަން ދީދީ އެވެ.
ވިއުގަ 2.0 އިފްތިތާހު ކުރުމަށް މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ހަސަން ދީދީ ވިދާޅުވީ، އެފަދަ ނިޒާމެއްގެ ސަބަބުން ސިވިލް ސާވިސް ކޮމިޝަންގެ މަސައްކަތްތައް އިތުރަށް ހަލުއިވެ އަވަސްވެގެންދާނެ ކަމަށެވެ. އެގޮތުން ވަޒީފާއާ ގުޅޭ މައްސަލަތައް ނިންމުމުގައި ލުއިފަސޭހަވުމާއި އަވަހަށް މައްސަލަތައް ނިމިގެންދިއުމާއި އަދި އިދާރީ އޮނިގަނޑުތަކަށް ގެންނަންޖެހޭ ބަދަލުތައް ބަދަހިކަމާއެކު ގެނައުންފަދަ ފައިދާތައް ވާނެ ކަމަށެވެ.
ވިއުގަ 2.0 އިފްތިތާހު ކުރުމަށް މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ލަތީފް ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަންގެ ވިއުގަ ދޭއް އިފްތިތާހުކުރުމުގެ "އާޚިރު މަގްސަދަކީ" ރައްޔިތުންނަށް ދެވެމުންދާ ހިދުމަތް ހަލުވިވެ، އަވަސްވެ ހިދުމަތުގެ ފެންވަރު މަތިވެގެންދިއުން ކަމަށެވެ. އަދި ދައުލަތުގެ ފަރާތުން ގައުމާއިގެން ކުރިއަށް ދިއުމުގައި ކުރައްވަންޖެހޭ މަސައްކަތްތައް "ހައި ސްޕީޑްގައި" ގެންދެވުމަށް އެއްވެސްކަހަލަ ދަތިކަމެއްނެތި ހަލުވިކަން މަތީގައި އެ ތަރައްގީގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ.
މީގެ ކުރިން ސިވިލް ސާވިލް ކޮމިޝަނުން ބޭނުންކުރަމުން އައީ "ވިއުގަ 1.0" އެވެ. މިހާރު އެ ކޮމިޝަނުން ވަނީ ސޮފްޓްވެއާ އަޕްގްރޭޑްކޮށް ޒަމާނީ ބަދަލުތަކެއް ގެނެސް އާ ވާޝަން އެއް ބޭނުންކުރަން ފަށައިފައެވެ.