ށ. ނަރުދޫގައި ޑެންގީ އާއި ވައިރަލް ހުމުގެ ނުރައްކާ ބޮޑުވެ އެރަށުގެ މުއައްސަސާތަކާއި ސްކޫލުގައި ކިޔަވައިދިނުމަށް ދަތިވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ނަރުދޫ ކައުންސިލް މެމްބަރު މުހައްމަދު ރަމީޒު މިއަދު ސަން އަށް ވިދާޅުވީ، އެރަށުގައި ޑެންގީ އާއި ވައިރަލް ހުން ކޮންޓްރޯލްނުވެ ފެތުރެމުންދާ ކަމަށާއި އެކަމުގެ ސަބަބުން އެރަށް "ބަލިމަޑުކަމެއް"ގެ ތެރެއަށް ވެއްޓިފައިވާ ކަމަށެވެ. ރޯގާގެ ސަބަބުން އެރަށު ސްކޫލަށް ޓީޗަރުންގެ ދަތިކަން ކުރިމަތިވެފައިވާއިރު އެހެން މުއައްސަސާތައް ހިންގަންވެސް ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށް ވިދާޅުވިއެވެ.

"ގިނަ މުއައްސަސާތަކުގެ މަސައްކަތް ނުކުރެވޭވަރަށް މީހުން މަދުވެގެން އުޅެނީ،" ރަމީޒު ވިދާޅުވިއެވެ.

ނަރުދޫ ސުކޫލު --

އޭނާ ވިދާޅުވީ އާބާދީގައި 579 ރަޖިސްޓްރީވެފައިވާ އެރަށުގެ 74 މީހަކު މިވަގުތުވެސް ހުން ޖެހިގެން އުޅޭ ކަމަށެވެ. އޭގެ ތެރެއިން 12 މީހަކީ ޑެންގީ ޖެހިފައިވާ މީހުން ކަމަށް ވިދާޅުވިއެވެ.

"ޑެންގީ ކޮންޓްރޯލް ނުވެ ކުރިއަށް ދަނީ،ކޮންމެ ދުވަހަކުވެސް އެބަދޭ ބައިވަރު ފުރައިގެން. މިހާރުވެސް އަތޮޅު ހޮސްޕިޓަލުގައި އެބަތިބި މިރަށު ހަތް މީހުން އެޑްމިޓްކޮށްފައި" ރަމީޒު ވިދާޅުވިއެވެ.

ރޯދަ މަހުން ފެށިގެން އެރަށު ތެރޭ އުފެދިފައިވާ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އެއަތޮޅު ހޮސްޕިޓަލާއި ކައުންސިލާއި ޓާސްކް ފޯހެއް ގުޅިގެން މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތް މިއަދުވެސް ކުރަމުން އަންނަ ކަމަށާއި އަދިވެސް މަދިރި ކޮންޓްރޯލް ނުކުރެވޭކަމަށް ރަމީޒު ވިދާޅުވިއެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދިޔަ ޑެންގީ ހުން ކޮންޓްރޯލް ކުރުމަށްޓަކައި މަދިރި އުފެދޭ ތަންތަން ސާފުކުރުމަށް ސަރުކާރުން ވަނީ ގައުމީ ކެމްޕޭނެއް ފަށާފައެވެ. މިއަހަރު ވަނީ ޑެންގީގައި ތިން މީހަކު މަރުވެފައެވެ.

ހެލްތު މިނިސްޓްރީގެ ސްޕޯކްސް ޕާސަން ތަސްލީމާ އުސްމާން ވިދާޅުވީ، ކުރިއާ އަޅާބަލާއިރު ޑެންގީ ޖެހޭ އަދަދު ވަރަށް މަދު ވަމުން އަންނަ ކަމަށެވެ.

ޑެންގީ ޖެހޭ މިންވަރު މަދުވަމުން އައި ނަމަވެސް މިއަހަރު ނިމެންދެން އާންމު ގޮތެއްގައި މުޅި ރާއްޖޭގައި ވެސް ޑެންގީ އުޅޭނެ ކަމަށް ތަސްލީމާ ވިދާޅުވި އެވެ.