12 Aug 2015, 11:52
މިނިވަން މުއައްސަސާތަކަށް މީހުން އައްޔަން ކުރަން ޖެހޭނީ ސިޔާސީ ކުލައިން އެއްފަރާތް ވެގެން ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ބިލަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރައްވަމުން އިދިކޮޅު މެމްބަރުން ވިދާޅުވީ، މިނިވަން މުއައްސަސާތަކަށް އައްޔަން ކުރުމަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވަވާ ނަންފުޅުތަކަކީ ސިޔާސީ ކުލަ ޖެހިފައި ތިބި ފަރާތްތައް ކަމަށެވެ.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެމްބަރު ކަމަށް އައްޔަން ކުރަން އިއްޔެ ފާސްވެގެން ދިޔަ ނަންތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އަނބިކަނބަލުންގެ ނަން އޮތުމަކީ ހިތާކޮށް ލަދުވެތިވާން ޖެހޭ ވަރުގެ ކަމެއް ކަމަށެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ): ފޮޓޯ/ މަޖިލިސް
"މިކަމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު އެ ކޮމިޝަންތަކަށް ގެއްލިގެން މި ދަނީ. ސިޔާސީ މީހުންގެ އަނބިންނާ ސިޔާސީ ކުލަޖެހިގެން ފޯވެފައިތިބި ވަކި ފަރާތަކަށް ޖެހި ޕާޓީގެ އެކްޓިވިސްޓުން އިންޓަގްރިޓީ ކޮމިޝަންތަކަށް އައްޔަން ކުރައްވާނެ ކަމަށްވާ ނަމަ ރައްޔިތުންގެ އިތުބާރު ނުލިބޭ،" މަވޯޓާ ވިދާޅުވި އެވެ.
ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވީ، ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނެއް އުފެއްދުމަކީ މިހާރުން މިހާރަށް ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މުޅި ރާއްޖެއަށް އެ ކޮމިޝަންގެ މަސައްކަތްތައް ފުޅާ ކުރުމަކީ ވަރަށް މުހިއްމު މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ: ފޮޓޯ/ މަޖިލިސް
އޭނާ ވިދާޅުވީ ޑިމޮކްރަސީއެއް އައިފަހުން ރާއްޖެއަށް އައި އެކި ސަރުކާރު ތަކުން ގިނަ ކޮމިޝަންތަކަށް އައްޔަން ކުރާ ފަރާތްތަކަކީ ސިޔާސީ ކުލަ ޖެހިފައި ތިބި ފަރާތްތައް ކަމަށެވެ. ގަފޫރު ވިދާޅުވީ މިއަދު ދައުލަތުގެ ހުރިހާ މުއައްސަސާ އަކީ ސިޔާސީ ވެފައި ތިބި މުއައްސަސާތަކެއް ކަމަށެވެ.
"އަޅުގަނޑު ސަރުކާރަށް ގޮވާލަން ސިޔާސީ ފިކުރަށް ވުރެ ގައުމީ މަސްލަހަތު އިސްކުރަން. މި ސަރުކާރުން އެކަންޏެއް ނޫން. ދެން އަންނަން އޮތް ސަރުކާރުން ވެސް އެބަޖެހޭ ގައުމީ މަސްލަހަތު އިސްކުރަން. މިއަދު ލާމަރުކަޒީ ނިޒާމުގެ ބާރު ކެނޑިގެން ގޮސް ކޮންސްޓްރަކްޝަން މިނިސްޓްރީން މާލެ ސިޓީއާ އައްޑޫ ސިޓީ ހިންގަން ހެދީމާ މިއީކީ ގަބޫލު ކުރެވޭ ކަމެއް ނޫން އިއްޒަތްތެރި ރައީސް. ލާމަރުކަޒީ ނިޒާމު ފެއިލް ވުމަކީ ގައުމު ހިންގުމަށް ތިބި މީހުން ފެއިލްވުން،" ގަފޫރު ވިދާޅުވި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވީ، ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ބިލުގެ މުޅި މަގުސަދަށް ތާއީދު ކުރާ ކަމަށާއި އެކަމުގެ ސަބަބުން ދައުލަތުގެ ހަރަދު ކުޑަވެގެންދާނެ ކަމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު: ފޮޓޯ/ މަޖިލިސް
"އަޅުގަނޑު ހިތާމަ ކުރަން ކޮމިޝަންތަކަށް އައްޔަން ކުރާ މީހުންގެ ނަން އައިމަ ކޮމެޓީން އެފަރާތްތަކަށް މާކުސް ދެމުން ވެސް މި ދަނީ ސިޔާސީ ގޮތުން. ކިތަންމެ މޮޅަށް މާސްޓާސް ވިޔަސް ޑިގުރީ ހަދާފައި ހުރިޔަސް އެ މީހަކަށް މި ލިބެނީ ތިރީހަކަށް މާކުސް. ސިޔާސީ ބޭފުޅަކު އައިމަ އައްޑިހަ މާކުސް އެބަލިބޭ،" މަހުލޫފު ވިދާޅުވި އެވެ.
ބިލުގެ ހުށަހެޅުއްވި މެމްބަރު ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން ވިދާޅުވީ އެ ބިލު ހުށަހެޅުއްވީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް، އެ އިދާރާތަކާ ގުޅޭ މައްސަލަތައް ބަލާނެ އުސޫލުތައް ކަނޑައެޅުމާއި އެފަދަ މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅު އެޅުމާ ބެހޭ ކަންކަން ތަންޒީމު ކުރަން ކޮމިޝަނެއް އުފެއްދުމަށް ކަމަށެވެ.