އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރައްޖެއަށް ރަންމެޑަލް ހޯދައިދިން އެމްއެންޑީއެފްގެ ލާންސްކޯޕްރަލް ހަސަން ސާއިދު ހޯދި ކާމިޔާބަކީ މުޅި ރާއްޖެ އެކަމަށް ފަޚްރުވެރިވާ ކާމިޔާބީއެއްކަމަށާއި އެއީ ސިފައިންގެއަށް ވެސް ލިބުނު ޝަރަފެއްކަމަށް ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލު ވިދާޅުވެއްޖެ އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ގައި ރާއްޖެއިން ބައިވެރިވި ކުޅިވަރުތަކުގެ ތެރެއިން އެތުލެޓިކްސް ގައި 100 މީޓަރު ދުވުމުން ރަންމެޑަލް އަދި 200 މީޓަރު ދުވުމުން ރިހިމެޑަލް ސާއީދު ވަނީ ހޯދާފައެވެ.

އިއްޔެ ބަންޑާރަ ކޮށީގައި ސާއިދުއާ ބައްދަލުކުރައްވައި ޑިފެންސް މިނިސްޓަރު ވިދާޅުވީ، ސަރުކާރާއި މޯލްޑިވްސް އެތުލެޓިސް އެސޯސިއޭޝަން އަދި އޮލިމްޕިކް ކޮމިޓީ އިން ހޯދައިދިން ފުރުސަތު ގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށްފައިވާކަން ސާއިދު ސާބިތު ކޮށްދީފައިވާ ކަމަށެވެ.

އަދި ސާއިދުގެ މަސައްކަތްތަކަށް ސަރުކާރުން ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެކަމަށް ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވިކަމަށް މޫސާ އަލީ ޖަލީލު ވިދާޅުވިއެވެ.

ސާއިދަކީ ސިފައިގެ ވަޒީފާ އަދާކުރާ މީހަކަށް ވާހިނދު ސިފައިންގެ ވަޒީފާއަށް އަހަންމިއްޔަތުކަން ދީ ކެރިއަރ ބިލްޑް ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައްވެސް ކުރުމަށާއި ވަޒީފާ އާއި ކުޅިވަރުގެ ކަންތައްތައް އެކުއެކީގައި ގެންދިޔުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވީ، ގައުމީ ފެންވަރުގައި ސާއިދު ހޯދި ކާމިޔާބީ އެންއެންޑީއެފް އިން ބަލައިގަންނަ ކަމަށެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މިހިސާބަށް އާދެވުނީ އެމްއެންޑީއެފް އިން އެކަމަށް ފުރުސަތު ތަނަވަސްކޮށްދީ ވަރަށްބޮޑު އެހީތެރިކަމެއް ދިނުމުން ކަމަށް ސާއިދު ބުންޏެވެ.

ސާއިދު ބުނީ މިހާރުގެ އަމާޒަކީ ކުރިއަށް އޮތް އޮލިމްޕިކްސް ގޭމްސް އަށް ކޮލިފައިވެ ރަން ވަނައެއް ހާސިލް ކުރުން ކަމަށެވެ.