ފައިސާއާ ގުޅުން ހުރި އެންމެހާ ކަންކަމުގެ ބިލުތައް ސަރުކާރަށް އެކަނި ހުށަހެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނެސްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލު އުސްމާން މަޖިލީހުގެ ގަވާއިދަށް ގެނައުމަށް ހުށަހެޅި އިސްލާހު އާއްމު ކޮމެޓީން ފާސްކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުގައި ކޮމެޓީއަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުން ނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 71 ވަނަ މާއްދާއަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ޓެކުހެއް ނެގުމަށް ނުވަތަ ޓެކުހެއް އުނިކުރުމަށް ހުށަހަޅާ ބިލުތަކާއި ދައުލަތުގެ މާލިއްޔަތުން ވަކި ކަމަކަށް ފައިސާ ހަރަދު ކުރުމަށް ނުވަތަ އުނި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީ ސަރުކާރުން ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައި މީގެކުރިން ބުނެފައި ވަނީ ޓެކުހެއް ނެގުމަށް ނުވަތަ ޓެކުހެއް އުނިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީ ސަރުކާރުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން އެ އިސްލާހު ފާސްވެއްޖެ ނަމަ ސަރުކާރުން ހުށަހަޅާފައިވާ ބިލުތައް ނުވަތަ އިސްލާހުތައް ފިޔަވައި ދައުލަތުގެ މާލިއްޔަތަށް ވަކި ކަމަކަށް ހަރަދު ކުރުމަށް ނުވަތަ އުނި ކުރުމަށް ހިމެނޭ ބިލުތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން އެ ބިލަކާ މެދު ވަކި ގޮތެއް އަދި ނިންމާފައި ނުވާ ބިލުތައް ބާތިލު ވެގެންދާނެ އެވެ.