އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވައި ހައްގުތައް ލިބިދިނުމަށް، ކުރަންޖެހޭ އެންމެ ބޮޑު ކަމަކީ އަންހެނުން ބާރުވެރިކުރުވުން ކަމަށް ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، އަންހެނުންނަށާއި ކުޑަކުދިންނަށް ލިބޭ އަނިޔާތައް ހުއްޓުވުމުގެ މަސައްކަތް ފެށުމުގެ ގޮތުން، ފަރިވާ ފިލްމްސް އާއި ބައެއް ފިލްމީތަރިން ގުޅިގެން އާޓިފިޝަލް ބީޗްގައި މިއަދު ހަވީރު ބޭއްވި، ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ، އަންހެނުން ބާރުވެރި ކުރުވުމަށް އަންހެނުންނަކީ އާމްދަނީ ލިބޭ ބަޔަކަށް ހަދަންޖެހޭ ކަމަށެވެ.

"ލިބޭ އަނިޔާތައް ހުއްޓުވުމަށް އަންހެނުންނަކީ، އާމްދަނީ ލިބި އަމިއްލަ ފައިމައްޗަށް ތެދުވެވޭ ބާރުވެރި ބަޔަކަށް ވުމަކީ ވަރަށް މުހިއްމުކަމެއް. ޒަވާޖީ ހަޔާތުގައި ވެސް ދެމަފިރިންނަކީ އާމްދަނީ ލިބި އެކެއްގެ މައްޗަށް އަނެކަކު މާބޮޑަށް ބަރޯސާ ނުވެ އުޅެވޭވަރުގެ މިނިވަންކަމެއް އޮތް މީހަކަށް ވާނަމަ އާއިލާގެ ތެރޭގައިވެސް އަންހެނުންގެ ބާރު އިތުރުވެގެންދާނެ،" ޑރ. ވަހީދު ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ، ކުރިއާ އަޅާބަލާއިރު، ޒުވާން އަންހެނުން ވަޒީފާ އަދާކުރާ މިންވަރު އިތުރުވި ނަމަވެސް 16 އަހަރުން މަތީގެ ގިނަ އަންހެނުންނަކީ އަދިވެސް ކަމެއްނެތި ތިބޭ ބައެއް ކަމަށެވެ. އަދި އަންހެނުންނަށް ވަޒީފާލިބުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ރާއްޖޭގައި އަންހެނުނަށް ލިބޭ ތަފާތު އަނިޔާތައް ފާހަގަ ކުރައްވައި، ޑރ. ވަހީދު ވިދާޅުވީ، އަންހެނުންގެ ދުވަސް ފާހަގަކުރާތާ މިއަހަރަށް 100 އަހަރު ފުރުނުއިރު ވެސް ފެންނަނީ އަންހެނުންނަށް ހައްގުތައް ހޯދައިދޭން މަސައްކަތްކުރާތަން ކަމަށެވެ. ގޭތެރޭގައި ޖިސްމާނީ، ނަފްސާނީ އަނިޔާ އަންހެނުންނަށް ލިބޭއިރު ވަޒީފާގެ މާހައުލުގައި ފޮށުމާއި ދިމާކުރުމާއި އެކިއެކި އުނދަގޫތައް ކުރިމަތި ކުރުވުމުގެ މައްސަލައަކީ ބޮޑު މައްސަލަ އަދިވެސް ބޮޑުކޮށް އޮތް ކަމަށެވެ.

އަންހެނުންނަށާއި ކުޑަކުދިންނަށް އަނިޔާ ލިބެމުންދާކަން ބޮޑަށް ފާހަގަ ކުރެވިފައިވަނީ ފިރިހެނުންގެ ފަރާތުންކަން ފާހަގަ ކުރައްވައި ޑރ. ވަހީދު ވިދާޅުވީ، އަންހެނުންނަކީ ފިރިހެނުންނެކޭ އެއްވަރުގެ ހައްގުތަކެއް ލިބިފައިވާ ބައެއްކަން ފިރިހެނުން ގަބޫލު ކުރަންޖެހޭ ކަމަށެވެ. އަދި އަންހެންނާއި، ކުޑަކުދިންނަށް ލިބޭ އަނިޔާތަކުން އެމީހުން ރައްޔާތެރިކޮށްދީ ސަލާމަތްކަން ހޯދައި ދިނުމަކީ މުޅި މުޖުތަމައުގެ ޒިންމާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ވިދާޅުވީ އަންހެނުންނަށް ލިބޭ އަނިޔާތައް ހުއްޓުވުމަށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގެވެށި އަނިޔާގެ ބިލަކީ މުހިއްމު ބިލެއް ކަމަށާއި، އެބިލު އަވަހަށް ފާސްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އަންހެނުންނަށްކުރާ އަނިޔާތައް ހުއްޓުވުމަށް ވަރަށް ގިނަ ފަރާތްތަކަކުން ދަނީ މަސައްކަތް ކުރަމުން. އެގޮތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ގެވެށި އަނިޔާތައް ހުއްޓުވުމުގެ ބިލެއް ހުށަހެޅިފައި. އަޅުގަނޑު އުއްމީދުކުރަން ދާދި އަވަހަށް ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކުރައްވާނެ ކަމަށް... އަދި އަންހެނުންގެ ހައްގުތައް ލިބިދިނުމުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ވަރަށް ވަރުގަދަ އެއްބާރުލުމެއް ދޭނެކަމަށް ވެސް އަޅުގަނޑު އުއްމީދުކުރަން." ނައިބު ރައީސް ވިދާޅުވި އެވެ.

މި ޖަލްސާގައި ފިލްމީތަރި ނިއުމާ ވަނީ ޖިސްމާނީ ގޮތުން އޭނާއަށް ދިމާވި އަނިޔާތައް ހިއްސާކޮށްފަ އެވެ. އަދި މި ޖަލްސާ ހިނގަމުންދިޔައިރު، އަންހެނުންނަށާއި ކުޑަކުދިންނަށް ކުރާ ތަފާތު އަނިޔާތައް ހުއްޓުވައި އެކަންކަމާ ދެކޮޅަށް، މަސައްކަތްކުރާނެ ގޮތްތަކާބެހޭ މައުލޫމާދު، ދެ ސްޓޯލެއް މެދުވެރިކޮށް ދެމުންގެންދިޔަ އެވެ.

މި ޖަލްސާގައި ހެލްތު މިނިސްޓަރު ޑރ. އާމިނަތު ޖަމީލުގެ އިތުރުން، ބައެއް ސިޔާސީ ޕާޓީތަކުގެ ބައެއް އިސް މެންބަރުންވެސް ވާހަކަ ދެއްކެވި އެވެ.