ޓޯކިޔޯ (އޮގަސްޓް 12): ޖަޕާނުގައި އާދަޔާ ޚިލާފަށް ފިނިހޫނު މިން މައްޗަށް ދިޔުމުގެ ސަބަބުން އެތަށްހާސް ބަޔަކު ބަލިބެ ހޮސްޕިޓަލްތަކުގައި އެނދުމަތިކުރަން ޖެހިއްޖެ އެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ޖަޕާނުގެ ބައެއް ސަރަހައްދުތަކާއި ސިޓީތަކުގައި ފިނިހޫނު މިން ވަނީ 40 ޑިގްރީސެލްސިޔަސް އަށް މައްޗަށް ގޮސްފައެވެ. މިދިޔަ ހަފްތާއިން ފެށިގެން ޖަޕާނަށް ކުރިމަތިވެފައިވާ އާދަޔާ ޚިލާފު ހޫނުކަމާއެކު ޖެހޭވައިވެސް ހޫނުވުމުގެ ސަބަބުން 11 ހާސް މީހުން ހޮސްޕިޓަލުތަކުން ފަރުވާހޯދާފައިވާ ކަމަށާއި މުސްކުޅި ބައެއްމީހުން ހޫނުގެ ސަބަބުން ކުރިމަތިވި ސިއްޙީ މައްސަލަތަކުގައި މަރުވެފައިވާ ކަމަށްވެސް ޖަޕާނުގެ ކިޔުޑޯ ނޫސްއެޖެންސީއާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ޖަޕާން އޮންނަ ސަރަހައްދުގެ ގޮތުން އެގައުމަކީ ހޫނުމޫސުމުގައިވެސް އެހާ ހޫނުގަދަ ގައުމެއްނޫނެވެ. ފިނި މޫސުމުގައި ޖަޕާނުގެ ފިނިހޫނު މިން މައިނަސްއަށްވެސް ދެއެވެ. ނަމަވެސް އާންމުކޮށް ބޮޑެތި ސިޓީތަކުގައި ފިނިހޫނު މިނުގެ އެވްރެޖް އުޅޭކަމަށްވަނީ 7 ޑިގްރީ ސެލްސިޔަސްއާއި 12 ޑިގްރީ ސެލްސިޔަސްއާ ދެމެދުގައެވެ. އެހެންކަމުން 40 ޑިގްރީސެލްސިޔަސް އަށް ދިޔުމުން ޖަޕާނުގެ ރައްޔިތުންނަށްވަނީ ސިއްޙީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައެވެ.

ހޫނު ގަދަވުމުގެ މައްސަލައާ ގުޅިގެން ޖަޕާން ސަރުކާރުން ވަނީ އެކަމުން ލިބޭގެއްލުންތައް ކުޑަކުރެވޭނެ ގޮތުގެ ލަފައާއި އިރުޝާދުތައް ރައްޔިތުންނަށް ދޭންފަށާފައެވެ. އަދި ހޫނުގަދަވާނެކަމަށް ލަފާކުރެވޭ ތަންތަނާއި ސަރަހައްދުތަކާއި އަދި މޫސުން ލަފާކުރާގޮތުގެ މައްލޫމާތުވެސް މޯބައިލް ފޯނާއި އެނޫންވެސް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް ވަގުތުން ލިބޭނެ އިންތިޒާމްތައް ކުރިޔަށްވުރެ ބޮޑަށް މިހާރުވަނީ ހަމަޖައްސާފައެވެ.

ޖަޕާނުގެ އާބާދީގެ ބޮޑުބަޔަކީ މުސްކުޅިން ކަމަށްވާއިރު ހޫނުގެ މައްސަލަވަނީ ބޮޑު މައްސަލައަކަށް ވެފައެވެ.

ޖަޕާނުގެ އިތުރުން ޔޫރަޕްގެ ބައެއް ގައުމުތަކާއި އެމެރިކާގެ ބައެއް ސްޓޭޓްތަކާއި މެދުއިރުމައްޗާއި ގަލްފުގެ ބައެއް ގައުމުތަކުގައިވެސް މިދުވަސްވަރުވަނީ އާދަޔާ ޚިލާފަށް ފިނިހޫނުމިން މައްޗަށް ގޮސްފައެވެ. މިސްރުގައި ފިނިހޫނުމިން 50 ޑިގްރީސެލްސިޔަސް އަށް މައްޗަށް ދިޔުމުން 400 އަށްވުރެ ގިނަމީހުން ވަނީ މަރުވެފައެވެ. އީރާނުގެ ބައެއް ހަނަފަސް ސަރަހައްދުތަކުގައި 60 ޑިގްރީސެލްސިއަސް އަށް ފިނިހޫނުމިން މައްޗަށް ދިޔަކަމަށްވެއެވެ. އަދި ގްރީސް އާއި ފަރަންސޭސިވިލާތުގައިވެސް ފިނިހޫނުމިން މައްޗަށް ދިޔުމުގެ ސަބަބުން ބައެއްމީހުން މަރުވެ އެތަށްބަޔަކުވަނީ ހޮސްޕިޓަލްތަކުގައި އެނދުމަތިކުރެވިފައެވެ.

ދާދިފަހުން ވަނީ ހޫނުގަދަވުމުގެ މައްސަލަތަކެއް އިންޑިޔާއަށާއި ޕާކިސްތާނަށްވެސް ކުރިމަތިވެ އެދެގައުމުންވެސް ވަނީ އެތަށް ހާސްބަޔަކު މަރުވެފައެވެ. (ނޫސްއެޖެންސީތައް)