ރާއްޖޭގެ ރަށްތަކުގައި މިހާރު ކުރިއަށްދާ ބަނދަރު ހެދުމުގެ މަޝްރޫއުތަކަށް މި އަހަރު ސަރުކާރުގެ ބަޖެޓުން 1.5 ބިލިއަން ރުފިޔާ ހަރަދުވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ކުރެއްވި ސުވާލުގެ ޖަވާބުގައި ހައުސިން މިނިސްޓަރު ވިދާޅުވީ ބަޖެޓުގެ 1.5 ބިލިއަން ރުފިޔާ ރަށްރަށުގެ ބަނދަރުތައް ހެދުމަށް ހަރަދުވާ އިރު މިހާރު 28 ރަށެއްގެ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"ސަރުކާރުން ދަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ބަނދަރު އެޅުމުގެ މަސައްކަތްތައް ކުރިއަށްދަމުން. އެގޮތުން މި އަހަރުގެ ޕްރޮޖެކްޓްތަކުގެ ތެރެއިން ސަރުކާރުގެ ބަޖެޓުގެ 1.5 ބިލިއަން ރުފިޔާ، ރަށްރަށުގެ ބަނދަރު ހެދުމަށް ހޭދަވާނެ. ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށް ފަށަން ނިންމާފައިވާ އިރު މިހާރު ވެސް 28 ރަށެއްގެ އަމަލީ މަސައްކަތް ދަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ބަނދަރު ހެދުމުގެ މަސައްކަތްތަކުގެ ތެރެއިން މި އަހަރުގެ ތެރޭގައި މިހާރު 19 ޕްރޮޖެކްޓެއް ފަށާފައިވާ ކަމަށާއި 12 ރަށެއްގެ ބަނދަރުގެ މަސައްކަތުގައި މިހާރު ވަނީ ސޮއިކޮށް އެކި މަރުހަލާތަކުގައި ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން އީއައޭގެ މަސައްކަތް ނިމުމުން ގިނަ ރަށްރަށެއްގެ ބަނދަރުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރު ތެރޭގައި ޓެންޑާކޮށްގެން ބަޔަކާ ހަވާލު ކުރުމަށް ޓަކައި 17 ރަށެއްގެ ބަނދަރުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެެ.