12 Aug 2015, 09:27
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނަށް އިސްލާހު ގެނައުމުގެ މަގުސަދަކީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކުރުމަށްޓަކައި ދިވެހިރާއްޖޭގައި ބޭންކު ނޫން މާލީ ވިޔަފާރި ކުރާ އިދާރާތައް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރުމުގެ ޤާނޫނީ ބާރާއި ޒިންމާ އެމްއެމްއޭއިން ހޯދުމަށާއި އެމްއެމްއޭގެ ހިންގުން އިތުރަށް ހަރުދަނާކުރުން ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ހުށަހެޅުއްވި އިސްލާހު މިހާރު ވަނީ ފާސްކޮށްފައެވެ.
އެއިސްލާހުތައް ބުނާގޮތުން ބޭންކުތަކަށް ފްލެކްސިބިލިޓީ ދިނުމަށްޓަކައި، އެމްއެމްއޭ ގައި ބަހައްޓަންޖެހޭ މިނިމަން ރިޒާވް ފައިސާ، އެމްއެމްއޭ ގައި ބެހެއްޓުމަށް އޮތް އޮތުން އެ އޮތޯރިޓީން ކަނޑައަޅާ ގޮތަކަށް ކަނޑައަޅާ އިދާރާއެއްގައި ބެހެއްޓޭނެ ގޮތަށް މަގުފަހި ކުރެވެއެވެ.
އެ ބިލުގައި ހިމެނޭ މައިގަނޑު އިސްލާހުތައް
- ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ހަރުދަނާކޮށް ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ރާއްޖޭގައި ހިންގާ ބޭންކު ނޫން މާލީ ވިޔަފާރި ތަކަކީ ރެގިއުލޭޓްކޮށް ސުޕަވައިޒްކުރާ ވިޔަފާރިތައް ކަމަށް ކަނޑައެޅުން.
- ޤާނޫނުގައި ބަޔާންކޮށްފައިވާ ބޭންކު ނޫން މާލީ ވިޔަފާރިތައް ރާއްޖޭގައި ހިންގޭނީ އެމްއެމްއޭ އިން އެކަމަށް ދޫކުރާ ލައިސަންސް ލިބިގެން.
- އެމްއެމްއޭ އިން ދޫކުރާ ލައިސަންސް ނެތި، ޤާނޫނުގައި ބަޔާންކޮށްފައިވާ ބޭންކު ނޫން މާލީ ވިޔަފާރިތައް ދިވެހިރާއްޖޭގައި ކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުން.
އެމްއެމްއޭގެ މަސައްކަތްތަކުގެ ގޮތުގައި ތަފާސްހިސާބު އެއްކުރުމާއި، އެކުލަވާލައި، ދިރާސާކޮށް ޝާޢިރުކުރުން ހިމެނުމާއި މާލީ ދާއިރާ ތަރައްޤީކޮށް ރާއްޖޭގެ އެކި ހިސާބުތަކުން މާލީ ހިދުމަތްތައް ލިބޭނެ ގޮތްތައް ހެދުމަށްޓަކައި އެކި ޕްރޮޖެކްޓްތައް އެމްއެމްއޭ އިން ހިންގިދާނެ ކަމަށް ކަނޑައަޅާފައިވެއެވެ.
ރާއްޖޭގެއި ހިންގޭ މާލީ މުއާމަލާތްތައް ފަސޭހައިން ކުރެވޭނެ ގޮތްތައް ހަމަޖައްސައި ޕޭމަންޓް ސިސްޓަމް ހަރުދަނާކުރުމަށްޓަކައި އެމްއެމްއޭ އިން ޕޭމަންޓް ސިސްޓަމެއް ޤާއިމުކޮށް ހިންގިދާނެ ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.
އެއިސްލާހު ބުނާގޮތުން އެމްއެމްއޭގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެމްއެމްއޭގެ އަހަރީ ރިޕޯޓާއި ގަވައިދުތައް ނެރުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަން އޮންނަ އޮތުން، ބޯޑުން ފާސްކުރުމަށްފަހު ޝާޢިއުކުރެވިދާނެ ކަމަށް ވަނީ ނިންމާފައެވެ.