12 Aug 2015, 09:15
މޮސްކޯ (އޮގަސްޓް 12): ސައޫދީ އަރަބިޔާއާއި ރަޝިޔާގެ ޚާރިޖީ ވަޒީރުން މޮސްކޯގައި ކުރެއްވި ރަސްމީ މަޝްވަރާތަކުގައި ގިނަ ކަންތައްތަކަށް ދެގައުމުން އެއްބަސްވިކަން އެދެބޭފުޅުން ހާމަކުރައްވައިފި އެވެ.
އާދިލްއަލްޖުބައިރު އާއި ސަރްގީ ލާވްރޯވް ކުރެއްވި މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ މައްސަލަ ސުލްޙަވެރިގޮތުގައި ހައްލުކުރުމާއި އައިއެސް ޖަމާއަތާދެކޮޅަށް ހަނގުރާމަކުރުމާއި ޔަމަންގެ ވާދަވެރި ފަރާތްތަކުގެ މެދުގައި ސުލްޙައިގެ ވާހަކަތައް ފެށުމުގެ އިތުރުން ފަލަސްތީނުގެ މިނިވަންދައުލަތެއް އުފެއްދުމާބެހޭ ސުލްހައިގެ ވާހަކަތައް އަލުން ފެށުމާބެހޭގޮތުންނެވެ.
މީގެއިތުރުން ސައޫދީ އަރަބިޔާއިން ރަޝިޔާގެ ޒަމާނީ ހަތިޔާރު ގަތުމާބެހޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާކުރައްވައި އެތައް ބިލިޔަން ޑޮލަރެއްގެ ހަތިޔާރު ރަޝިޔާއިން ގަތުމަށް ނިންމިކަން ސައޫދީ ޚާރިޖީ ވަޒީރު އިޢުލާން ކުރެއްވިއެވެ.
ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ މައްސަލަ ސުލްޙަވެރިގޮތުގައި ހައްލުކުރުމާބެހޭގޮތުން ދެބޭފުޅުން އެއްބަސްވެ ވަޑައިގެންނެވީ، ސޫރިޔާ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ބައިވެރިވެގެން ބޭއްވި ޖެނީވާ އެއްބަސްވުން 1 އާ އެއްގޮތަށް އެގައުމުގެ ދާޚިލީ މައްސަލަ ހައްލުކުރުމަށެވެ. ނަމަވެސް ރައީސް ބައްޝާރުލްއަސަދާ މުއާމަލާތް ކުރުމުގައި ދެގައުމުގެ ޚިޔާލުތައްވަނީ މުޅިން ތަފާތުވެފައެވެ.
ސައޫދީ ޚާރިޖީ ވަޒީރު ވިދާޅުވީ، ސޫރިޔާގެ މުސްތަގްބަލް ކަނޑައެޅުމުގެ އެއްވެސް ފުރުސަތެއް ބައްޝާރަށް އޮތުމަށް ސައޫދީ ދެކޮޅު ހަދާކަމާށާއި އަދި ބައްޝާރަކީ ސޫރިޔާގެ މައްސަލައިގެ ހައްލުނޫންކަމާއި އޭނާއަކީ ސޫރިޔާގެ ހަނގުރާމައިގެ އަސްލުކަމަށް ސައޫދީން ދެކޭކަމަށްވެސް ސައޫދީ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
ނަމަވެސް އައިއެސް ޖަމާއަތާދެކޮޅަށް ކުރާ ހަނގުރާމަ އިތުރަށް ވަރުގަދަ ކުރުމަށާއި ފަލަސްތީނުގެ މިނިވަންދައުލަތެއް އުފެއްދުމާބެހޭ ސުލްހައިގެ ވާހަކަތައް އިސްރާއީލާއި ފަލަސްތީނާ ދެމެދު އަލުންފެށުމަށް މަސައްކަތް ކުރުމަށް ދެބޭފުޅުން އެއްބަސްވެ ވަޑައިގެންނެވިއެވެ. އަދި ޔަމަންގެ ވާދަވެރި ސިޔާސީ ހުރިހާ ފަރާތްތަކެއް ބައިވެރިވެގެން އދ. ގެ ގަރާރުތަކާ އެއްގޮތަށް އެގައުމުގައި ސުލްޙަ ގާއިމް ކުރުމަށް ދެގައުމު ގުޅިގެން މަސައްކަތް ކުރުމަށްވެސް ސައޫދީ އަރަބިޔާއާއި ރަޝިޔާގެ ޚާރިޖީ ވަޒީރުން އެއްބަސްވެ ވަޑައިގެންނެވިއެވެ.
ސައޫދީ އަރަބިޔާއާއި ރަޝިޔާގެ ގުޅުންތައް މިފަހަކަށް އައިސްވަނީ ވަރަށްބޮޑަށް ރަނގަނޅުވެ ބަދަހިވެގެން ގޮސްފައެވެ. ސައޫދީ ދިފާއީ ވަޒީރު މީގެ ދެމަސްކުރިން ރަޝިޔާއަށް ވަޑައިގެން ރައީސް ޕޫޓިން އާ ބައްދަލުކުރައްވާފައި ވާއިރު މިމަހުގެ ކުރީކޮޅު ސައޫދީ އަރަބިޔާއާއި ރަޝިޔާގެ ޚާރިޖީ ވަޒީރުން ގަތަރުގެ ދަވްޙާގައި ބައްދަލުކުރައްވާފައިވެއެވެ. އަދި ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަންނަ ސެޕްޓެމްބަރު މަހު ރަސްމީ ދަތުރުފުޅެއް ގައި ރަޝިޔާއަށް ޒިޔާރަތް ކުރެއްވާނެއެވެ.
މީގެއިތުރުން ޒަމާނުއްސުރެ އެމެރިކާގެ ހަތިޔާރުތައް ގަންނަމުން ގެންދިޔަ ސައޫދީން ރަޝިޔާއިން އެތަށް ބިލިޔަން ޑޮލަރެއްގެ ހަތިޔާރު ގަތުމަށް ނިންމި ނިންމުމަކީވެސް ދެގައުމުގެ ގުޅުންތައް ބަދަހިވެގެން ދިޔަކަމުގެ ހެއްކެކެވެ.
ސައޫދީ އަރަބިޔާއާއި ރަޝިޔާގެ ގުޅުންތައް ރަނގަނޅުވެގެންދިޔުމުގެ ފަހަތުގައިވަނީ ހުޅަނގުން އީރާނާ ގާތްވަމުން ދިޔުމާއި ދުނިޔޭގެ ބާރުތަކާއި އީރާނުން ސޮއިކުރި ނިއުކްލިއަ އެއްބަސްވުމުގެ ސަބަބުން މިހާރަށްވުރެ ވެސް ބާރާއި ނުފޫޒުގަދަ ގައުމެއްގެ ގޮތުގައި އީރާން ފާޅުވެގެން ހިނގައިދާނެކަމުގެ ބިރު ސައޫދީން އިޙްސާސްކުރުންކަމަށް މުހައްލިލުން ދެކެއެވެ. (ނޫސްއެޖެންސީތައް)