އިތުރު ވަގުތު ކުޅެ، މެޗުގެ 115 ވަނަ މިނެޓްގައި ޕެޑްރޯ ރޮޑްރިގޭޒް ކާމިޔާބު ކުރި ލަނޑުން 5-4 ގެ ނަތީޖައަކުން ސެވިއްޔާ ބަލިކޮށް ބާސެލޯނާއިން ފަސް ވަނަ ފަހަރަށް ސްޕަކަޕް ކަމިޔާބުކޮށް އޭސީ މިލާންގެ ރެކޯޑާ ހަމަކޮށްފި އެވެ.

މެޗްގައި ބާސާއިން ކާމިޔާބު ކުރި ފަސް ލަނޑުގެ ތެރެއިން ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ލިއޮނަލް މެސީއެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގައި ސެވިއްޔާއިން ވަނީ މެޗު ފެށިގެން ތިން ވަނަ މިނެޓްގައި ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑު ނަގާފަ އެވެ.

އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެވާ ބެނޭގާ އެވެ. ބެނޭގާ އެ ލަނޑު ކާމިޔާބު ކުރީ ބަސާގެ ޑިފެންޑާ ހާވިއޭ މެޝަރާނޯ ސެވިއްޔާގެ ފޯވަޑް ހޯސޭ އެންޓޯނިއޯ ރޭޔާސްއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުން ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

ލީޑުގައި ސެވިއްޔައަށް އޮވެވުނީ އެންމެ ފަސް މިނެޓްއިރު އެވެ. މެޗްގެ ހަތް ވަނަ މިނެޓްގައި މެސީ ވަނީ ބާސައަށް ލިބުނު ހިލޭޖެހުމެއް ގޯލު ތެރެއަށް ފޮނުވާލައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗްގެ 15 ވަނަ މިނެޓްގައި އިތުރު ހިލޭ ޖެހުމަކުން ކާމިޔާބު ކުރި ލަނޑަކުން މެސީ ވަނި މެޗްގައި ބާސާއަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފަ އެވެ.

ފުރަތަމަ ހާފް ބާސާއިން ނިންމާލީ 3-1 ގެ ލީޑަކައެކު ކުރީގައި އޮވެގެންނެވެ.

އެ ޓީމްގެ ތިން ވަނަ ލަނޑު 44 ވަނަ މިނެޓްގައި ރަފިއާނާ ކާމިޔާބު ކުރީ ލުއިސް ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ބާސާގެ ހަތަރު ވަނަ ލަނޑު ސުއަރޭޒް ކާމިޔަބުކޮށް ދިނީ މެޗުގެ 52 ވަނަ މިނެޓްގައި ސާޖިއޯ ބްސްކެތް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މެޗްގައި ލަނޑު ޖެހުމަށްފަހު ބާސާގެ ކުޅުންތެރިން އުފާ ކުރަނީ --- ފޮޓޯ/ އޭޕީ

ބާސާއިން 4-1 ގެ ނަތިޖާއަކުން ކުރީގައި ވަނިކޮށް ސެވިއްޔާއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ބާސާގެ ގޯލަށް ނުރައްކަކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ އިތުރު ތިން ލަނޑު ޖަހައި ބާސާއާ އެއްވަރުކޮށްފަ އެވެ.

ސެވިއްޔާގެ ދެ ވަނަ ލަނޑު ރޭޔާސް ކާމިޔާބު ކުރީ 57 ވަނަ މިނެެޓްގަ އެވެ.

ބާސާގެ ތިން ވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން މެޗްގެ 75 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކެވިން ގެއިމީރޯ އެވެ.

އެ ލަނޑަށްފަހު ސެވިއްޔާއިން ވަނީ ބާސާގެ ފަހަތަށް ނުރައްކާކޮށްފަ އެވެ.

ސެވިއްޔާގެ ހަތަރު ވަނަ ލަނޑު ޔެވިން ކޮނަޕްލިޔަންކާ ކާމިޔާބު ކުރީ ސީރޯ އިމްމޯބިލެ ގޯލް ކުރިމައްޗަށް ހުރަސް ކުރި ބޯޅައަކުންނެވެ. އެ ވަގުތު ބާސާގެ ޑިފެންޑަރުންނަށް ތިބެވުނީ ކޮނަޕްލިޔަންކާ މާކް ނުކުރެވި އެވެ.

މެޗްގެ 90 މިނެޓް 4-4 ގެ ނަތީޖައަކުން އެއްވަރުވެގެން ނިމުނު އިރު ބާސާ މެޗުން މޮޅުވި ލަނޑު ޕެޑްރޯ ކާމިޔާބު ކުރީ މެސީ ފޮނުވާލީ ބާރު ހިލޭ ޖެހުން ސެވިއްޔާގެ ކީޕަރު އެންޓޯނިއޯ އަލްބާތޯ ބަސްޓޯސް ދިފާއުކުރުމުން ބޯޅަ ކުރިއަށް ނިކުތުމުން ގޯލް ލައިން މަތިން ޕެޑޯރޯ ގޯލްގެ މަތީ ކަނަށް ފޮނުވާލައިގެންނެވެ.

މީގެ ކުރިން 2006 އެ ދެ ޓީމް ސްޕަކަޕްގައި ބައްދަލު ކުރި މެޗު ސެވިއްޔާއިން ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މިދިޔަ އަހަރު ސްޕަކަޕްގައި ސެވިއްޔާ ބަލިވީ ވާދަވެރި ރެއާލް މެޑްރިޑް އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

ބާސާއިން ސްޕަކަޕް ކާމިޔާބު ކުރުމުން އެ ޓީމުން ވަނީ މިއަހަރުގެ މިހާތަނަށް ހަތަރު ޓްރޮފީއެއް ކާމިޔާބުކޮށްފައެވެ.

އަންނަ ހަފުތާގައި ސްޕެނިޝް ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ސްޕެނިޝް ސްޕަކަޕް ކާމިޔާބުކޮށްގެން ފަސް ވަނަ ޓްރޮފީ ކާމިޔާބު ފުރުސަތު ބާސާއަށް އެބައޮތެވެ.

ސްޕެނީޝް ސްޕަކަޕްގެ ފުރަތަމަ ލެގް މެޗް އޮންނާނީ އަންނަ ހޮހިހިރު ދުވަހުއެވެ.

ރޭ މެޗް ކާމިޔަބުކޮށް ބާސާއިން ވަނީ ޔޫއެފްއާ ސްޕަކަޕް އެންމެ ގިނަ ފަހަރު ކާމިޔާބު ކުރީ ޓީމްގެ ތެރޭގައި ހިމެނިފަ އެވެ. ބާސާގެ ކުރިން އެ ރެކޯޑް އޮންނަނީ އޭސީ މިލަން އަތުގައެވެ.

އެ ދެ ޓީމަށްފަހު އެންމެ ގިނައި ސްޕަކަޕް ކާމިޔާބުކޮށްފައި ވަނީ ލިވަޕޫލެވެ. އެ ޓީމުން ވަނީ ތިން ފަހަރެއްގެ މަތިން ސްޕަކަޕް ކާމިަޔާބު ކޮށްފައެވެ.