12 Mar 2011, 19:26
އިންޑިއާގެ ޔުނިވަސިޓީތަކުން ލިބެން ހުރި ތައުލީމީ ފުރުސަތުތަކާ ގުޅޭ ގޮތުން ދިވެހިންނަށް މައުލޫމާތު ދިނުމަށް ޔުނިވާސިޓީ ފެއާއެއް މިއަދު މާލޭގައި ހުޅުވައިފި އެވެ.
އިންޑިއަން ހައިކޮމިޝަނުން އިންތިޒާމް ކުރި އިންޑިއާގެ 21 ޔުނިވާސިޓީން ބައިވެރިވާ 'އެޑިއު އެޓް އިންޑިއާ 2011' ފެއާ މިއަދު ހަވީރު ހުޅުވައިދެއްވީ އެޑިއުކޭޝަން މިނިސްޓާ ޝިފާ މުހައްމަދެވެ.
އިންޑިއަން އެޑިއުކޭޝަން ފެއާ ހުޅުވައި ދެއްވުމަށް ފަހު މިނިސްޓާ ޝިފާ ވިދާޅުވީ، މިދިޔަ އަހަރުގެ އޯލެވެލް ނިންމި ދަރިވަރުން މަތީ ތައުލީމުގެ ފުރުސަތުތައް ހޯދަން މަސައްކަތްކުރާ ދަނޑިވަޅެއްގައި އިންޑިއަން ހައިކޮމިޝަނުން މިފަދަ ފެއާއެއް ބޭއްވިކަން ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ވީހާވެސް ގިނަ ދަރިވަރުން އެ ފެއާއަށް ގޮސް، ތައުލީމީ ފުރުސަތުތަކާ ބެހޭ ގޮތުން މައުލޫމާތު އޮޅުންފިލުވައި، އެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ޝިފާ ގޮވައިލެއްވި އެވެ.
އިންޑިއަން ހައިކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ، އެ ފެއާގައި ބައިވެރިވާ ޔުނިވާސިޓީތަކުގެ ސްޓޯލްތަކުން، އެ ޔުނިވާސިޓީތަކުގައި ހިންގާ ކޯސްތަކާގުޅޭ މައުލޫމާތާއި ސްކޮލޮޝިޕް ފުރުސަތުތަކާ ގުޅޭ މައުލޫމާތު ވެސް ލިބެން ހުންނާނެ ކަމަށެވެ. އަދި ވިދާޅުވީ ތަފާތު ކޯސްތަކެއް ހިންގާ ޔުނިވާސިޓީތަކުން އެ ފެއާގައި ބައިވެރިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި މެނޭޖްމަންޓް ކޯސްތަކާއި، އައިޓީ ދާއިރާއާ ގުޅޭ ކޯސްތަކާއި ޓޫރިޒަމް އަދި ހޮސްޕިޓަލިޓީ ދާއިރާގެ ކޯސްތައް ހިންގާ ޔުނިވާސިޓީތައް ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.
އެ އޮފިޝަލު ވިދާޅުވި ގޮތުގައި، ސިއްޚީ ދާއިރާގެ ކޯސްތަކާއި ފެޝަންއާއި ފިލްމް ޓެކްނޮލޮޖީގެ އިތުރުން ޖާނަލިޒަމްގެ ދާއިރާއިން ކިޔެވުމުގެ ފުރުސަތު ލިބެން ހުރި ޔުނިވާސިޓީތަކުގެ ސްޓޯލްތައްވެސް އެފެއާގައި ބައިވެރިވެ އެވެ.
ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ޕްރޯލެޕްގެ ފަރާތުން އައިޕެޑެއް ހަދިޔާކުރާ ފެއާގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެސް ބައިވެރިވެ އެވެ. އެ އޮތޯރިޓީގެ އިތުރުން މިނިސްޓްރީ އޮފް ހިއުމަން ރިސޯސްގެ ސްކޮލަޝިޕް ޑިވިޝަންގެ ސްޓޯލެއް ވެސް ބަހައްޓައިފަ އެވެ. އެ ސްޓޯލްތައް މެދުވެރިކޮށް ދިވެހިންނަށް ރާއްޖެއިން ބޭރުން ލިބެން ހުރި ކިޔެވުމުގެ ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ދޭނެ އެވެ.
ނަމަވެސް ފެއާގައި ބައިވެރިވާ ބައެއް ޔުނިވާސިޓީތަކުގެ ކޯސްތައް ރާއްޖޭގައި އެކްރެޑިޓްކޮށްފައެއް ނުވެ އެވެ.