ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ގޮތުން ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނާއި އެތަނުގައި ދިރިއުޅޭ ދިވެހިން ގުޅިގެން ހަރަކާތްތަކެއް ހިންގައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިވަން 50 ފާހަގަ ކުރުމުގެ ގޮތުން އާދީއްތަ ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ސިންގަޕޫރު ޓީމުތަކާއި ދިވެހިންގެ ޓީމްތައް ަބައިވެރިވާ ފުޓްސަލް މުބާރާތެއް ބޭއްވި ކަމަށެވެ.

ސިންގަޕޫރުގައި ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުން. ފޮޓޯ: ފޮރިން މިނިސްޓްރީ

އެ މެޗްގެ ޝަރަފުވެރި މެހުމާނަކީ ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރު ފާތިމަތު އިނާޔާ އެވެ. މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފުލާގައި ބައިވެރިވި ދިވެހިންނާ މުހާތަބު ކުރައްވައި ހައިކޮމިޝަނަރު ވާހަކަ ދެއްކެވި އެވެ. އަދި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނުގެ ފަރާތްޕުޅުން ހެޔޮއެދުންތައް ވެސް ރައްދުކުރެއްވި އެވެ.

ހަފުލާއަށް ހާޒިވި މީހުންނަށް ބިލެއްމީރުކޮށްލުމެއްގެ ގޮތުގައި ހުރީ ދިވެހިކާނާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ސިންގަޕޫރުގައި މިނިވަން 50 ފާހަގަ ކުރުމުގެ ގޮތުން ފެޅި ކޭކެއް. ފޮޓޯ: ފޮރިން މިނިސްޓްރީ

ސިންގަޕޫރުގެ މިނިވަންކަމަށް ވެސް މިހާރު ވަނީ 50 އަހަރު ފުރިފަ އެވެ. އެގައުމުގެ މިނިވަންކަމަށް 50 އަހަރު ފުރުނީ މިހިނގާ އޮގަސްޓްމަހުގެ ނުވަ ވަނަ ދުވަހުއެވެ. ސިންގަޕޫރުގެ މިނިވަންދުވަހުގެ ޕެރޭޑްގައި ރާއްޖޭގެ ފަރާތުން ބައިވެރިވަޑައިގެންނެވީ ހައިކޮމިޝަނަރު އިނާޔާއެވެ.