12 Aug 2015, 08:40
އުމުރުން 55 އަހަރު ވުމުން ވަޒީފާ އިން ވަކިވާ ނަމަ ނުވަތަ ވަޒީފާ އިން ވަކި ކުރާނަމަ ޕެންޝަން އިނާޔަތް ލިބިދޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ނުފެންނަ ކަމަށް އިސްލާހު ދިރާސާ ކުރި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ނިންމައިފި އެވެ.
ކޮމެޓީން އެގޮތަށް ނިންމެވީ އިއްޔެ އޮތް އެކޮމެޓީގެ ބައްދަލުވުމުގައި ކޮމެޓީއަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނެވެ.
ޕެންޝަން ގާނޫނަށް އެ އިސްލާހު ގެންނަން ނުފެންނަ ކަމަށް ކޮމެޓީން ނިންމީ ޕެންޝަން އޮފީހާއި ފިނޭންސް މިނިސްޓުރީގެ އިސް ފަރާތްތައް ކޮމެޓީއަށް ހާޒިރުކޮށް އެ އިސްލާހާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށްފަހު އެވެ.
ގާނޫނަށް އެ އިސްލާހު ގެނައުމަށް އެ ދެ މުއައްސަސާއިން ވަނީ ދެކޮޅު ހަދާފަ އެވެ.
ފިނޭންސް މިނިސްޓްރީގެ އެސިސްޓެންޓު ޑިރެކްޓަރު އަދި ބަޖެޓު ޑިވިޝަންގެ ހެޑު އަލީ ރަޝީދު ވިދާޅުވީ ޕެންޝަން ފައިސާ ލިބޭ އުމުރު އަވަސް ކުރުމުން ދައުލަތުގެ ބަޖެޓަށް ވަރަށް ބުރަ ބޮޑުވެގެން ދާނެ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ އިސްލާހެއް ޕެންޝަން ގާނޫނަށް ގެނައުމުން ޕެންޝަން ފަންޑް ރަނގަޅު ގޮތެއްގައި ދެމެހެއްޓޭނެތޯ ތަހުލީލު ކުރަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައި ވަނީ 2016 ވަނަ އަހަރު އޯވާ 400 މިލިއަން ރުފިޔާ ބަޖެޓަށް އެބަ އިތުރުވެގެން ދޭ. ދެހާސް ސަތާރަ ވަނަ އަހަރަށް ބަލާ އިރު އޯވާ 450 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުވެގެން އެބަދޭ. ދެހާސް އަށާރަ ވަނަ އަހަރަށް ބަލާލާއިރު އޯވާ 500 މިލިއަން ރުފިޔާ ބަޖެޓަށް އެބަ އިތުރު ވެގެންދޭ. ދެން އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން މިހާރު ވެސް އަޅުގަނޑުމެންނަށް މިއުޅެނީ ޑެފިސިޓު މެނޭޖު ނުކުރެވިގެން،" އަލީ ރަޝީދު ވިދާޅުވި އެވެ.
ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު މަނިކު ވިދާޅުވީ އާންމު އުސޫލެއްގެ މަތިން ޕެންޝަން ފައިސާ ލިބޭ އުމުރު އަވަސް ކުރަން "ސަޕޯޓު" ނުކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ޕެންޝަން ލިބެމުން އަންނަ އުސޫލު ބަދަލުކޮށް މުޅިން ތަފާތު އަދި އާ އުސޫލަކަށް އަމަލު ކުރުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށެވެ.
"އިންޓަނޭޝަނަލީ ވެސް ޕެންޝަން ލިބޭ އޭޖު އޮންނާނީ މައްޗަށް ޖައްސާފައި. އުސޫލެއްގެ ގޮތުން އެއީ ރަނގަޅު ކަމެއް،" މަނިކު ވިދާޅުވި އެވެ.
ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ހުށަހަޅުއްވާފައި އިސްލާހުގައި ބުނެފައި ވަނީ ޕެންޝަން ސުކީމަށް ފައިސާ ދެއްކުމަށް ހަމަޖެހިފައި ވަނީ އުމުރުން 16 އަހަރާއި 60 އަހަރާ ދެމެދު ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ކަމަށެވެ.
ޕެންޝަން ގާނޫނުގައި މިހާރު ބުނެފައި ވަނީ ޕެންޝަން ލިބޭ އުމުރަކީ 65 އަހަރު ކަމަށެވެ. ނަމަވެސް މޫސަ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ޕެންޝަން ލިބޭ އުމުރަކީ 60 އަހަރު ކަމަށެވެ.
ޕެންޝަން ގާނޫނަކީ 2009 ވަނަ އަހަރު މަޖިލީހުން ފާސްކުރި ގާނޫނެކެވެ.
ދިވެހިރާއްޖޭގެ ރިޓަޔާމަންޓު ޕެންޝަން ސުކީމުގެ ބައިވެރިއަކު ކަމުގައިވާ ކޮންމެ މީހެއްގެ ޕެންޝަނަށް ބަލާ މުސާރައިގެ މަދުވެގެން ހަތް ޕަސެންޓު އަދި މުވައްޒަފަކު ވަޒީފާ އަދާ ކުރާ ތަނަކުން ހަތް ޕަސެންޓު ޕެންޝަނަށް ދައްކަން ޖެހެ އެވެ.