11 Aug 2015, 21:38
ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މަހުގެ ދައުލަތަށް 1.59 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ހުސްވި ޖުލައި މަހު މީރާ އަށް 1.59 ބިލިއަން ރުފިޔާ ބަލައިގެން ފައިވާ އިރު އެއީ މިދިޔަ އަހަރުގެ ޖުލައި މަހު މީރާ އިން ބަލައިގަނެފައިވާ އަދަދަށް ވުރެ 15.8 ޕަސެންޓް އިތުރު އަދަދެކެވެ.
މީރާގެ ތަފާސް ހިސާބްތަކަށް ބަލާއިރު ހުސްވި މަހު ބަލައިގަނެފައިވާ އާމްދަނީ އިތުރުވެފައިވާ މައިގަނޑު ސަބަބަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ރޭޓު 12 ޕަސެންޓަށް އިތުރުވުމުން ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ލިބިފައިވާ އަދަދު އިތުރުވުމުންނެވެ.
މިދިޔަ މަހު ލިބިފައިވާ އާމްދަނީއަކީ އެ މަހުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށް ވުރެ 6.5 ޕަސެންޓް މަދު އަދަދެކެވެ. ސަބަބެއް ކަމަށް މީރާ އިން ބުނީ މި އަހަރުގެ ބީޕީޓީ ފުރަތަމަ އިންޓެރިމް ޕޭމަންޓް ދެއްކުމުގެ ސުންގަޑި ކަމުގައިވާ 31 ޖުލައި އަކީ ރަސްމީ ބަންދު ދުވަހެއްކަމުން، ފައިސާ ދައްކަން ޖެހޭ ސުންގަޑި މިމަހު ދެ ވަނަ ދުވަހަށް ފަސްވުމެވެ.
މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރެއިން ޑޮލަރުގެ ގޮތުގައި ލިބިފައި ވަނީ 42.16 މިލިއަން އެމެރިކާ ޑޮލަރެވެ.
ވޭތުވެ ދިޔަ ޖުލައި މަހުގައި އެންމެ ގިނައިން އާމްދަނީ ލިބުނު ބީޕީޓީ އިން 575.9 މިލިއަން ރުފިޔާ ލިބިފައިވާ އިރު ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ޖީއެސްޓީގެ ގޮތުގައި، 428.27 މިލިއަން ރުފިޔާ ވަނީ ލިބެފަ އެވެ. އަދި ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ޖުލައި މަހު 418.54 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މި އަހަރުގެ ފުރަތަމަ ހަތް މަހުގެ ތެރޭގައި މީރާ އިން ވަނީ ޖުމުލަ 8.44 ބިލިއަން ރުފިޔާ ބަލައިގަނެފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 19.7 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރު އެމުއްދަތަށް ވުރެ ބަލައިގަނެފައިވާ އަދަދު އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި މިދިޔަ އަހަރު ނޮވެމްބަރު މަހުގައި ޓީޖީއެސްޓީ ރޭޓު 12 ޕަސެންޓްއަށް އިތުރުވުމާ ގުޅިގެން ޓީޖީއެސްޓީ ބަލައިގަނެފައިވާ އަދަދު އިތުރުވެފައިވުމާއި، މިދިޔަ އަހަރު މޭ މަހުން ފެށިގެން ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ބަލައިގަންނަން ފެށުން ހިމެނެ އެވެ.