ދިމިޝްގު (އޮގަސްޓް 11): ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ އާއިލާގެ ބޭފުޅެއްކަމަށް ވާ ސުލައިމާން ހިލާލުލް އަސަދު، ހައްޔަރު ކުރުމަށްފަހު އޭނާގެ މައްޗަށް ތަހްގީގު ހިންގުމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކާ ހަވާލުކޮށްފި އެވެ.

ސީރިޔާ ސަރުކާރާ ހަވާލާދީ އެ ގައުމުގެ ރަސްމީ ޓީވީ ބުނާ ގޮތުން ސުލައިމާން ހިލާލުލް އަސަދަކީ ރައީސް ބައްޝާރުލް އަސަދުގެ ބޮޑުބޭބެ ހިލާލުލްއަސަދުގެ ބޭފުޅެކެެވެ. އޭނާގެ މައްޗަށް ކުރެވިފައި ވަނީ ސީރިޔާގެ ވައިގެ ސިފައިންގެ އިސް އޮފްސަރެއް ކަމަށް ވާ ކާނަލް ހައްސާންއައްޝައިޚް ގެ ގައިކޮޅަށް ބަޑިޖަހައި އަވަހާރަކޮށްލި ކަމުގެ ތުހުމަތެވެ. ސުލައިމާން މި ޖަރީމާ ހިންގާފައި ވަނީ ދިމިޝްގުގެ މަގެއްގައި އޭނާ ކާރުގައި ދަތުރުކުރައްވަނިކޮށް އެ ކާރުގެ ކުރިމައްޗަށް ކާނަލް ހައްސާންގެ ކާރު އެރުމުން ކޯފާވެގެންނެވެ.

މަންޒަރު ދުއް މީހުން ބުނާ ގޮތުން ސުލައިމާނުލް އަސަދުގެ ކާރުގެ ކުރިމައްޗަށް ކާނަލް ހައްސާންގެ ކާރުއެރުމާއެކު ސުލައިމާން ބަޑި ނަންގަވައި ކާނަލް ހައްސާގެ ބޮލަށާއި މެޔަށް ބަޑިޖަހައި ވަގުތުން އޭނާ އަވަހާރަކޮށްލީ އެތަށް ބައެއްގެ ކުރިމަތީގަ އެވެ. ސުލައިމާން އެ ޖަރީމާ ހިންގީ ކާނަލް ހައްސާންގެ ކާރުގައި އޭނާގެ އަނބިކަނބަލުންނާއި ދަރިން ވެސް ތިއްބަވަނިކޮށް އެ މީހުންގެ ވެސް ކުރިމަތީގަ އެވެ.

ކާނަލް ހައްސާން އަކީ ރައީސް ބައްޝަރަށް ވަފާތެރި ސީރިޔާ ސިފައިންގެ އިސް އޮފްސަރަކެވެ. ބައްޝާރުގެ ވެރިކަން ދެމިއޮންނަނީ ސީރިޔާ ސިފައިން އޭނާއަށް ވަފާތެރި ކަމުގެ ސަބަބުންނެވެ. މިފަދަ އިހާނާތްތެރި ގޮތަށް ދިމިޝްގުގެ މަގެއްގެ މަތީގައި އެންމެންގެ ކުރިމަތީގައި ސީރިޔާ ސިފައިންގެ އިސް އޮފިސަރަކު އަވަހާރަކޮށްލުމުން ބައްޝާރަށް ތާއީދުކުރާ އަދި އޭނާގެ ވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރާ ސޫރިޔާގެ އަލަވީ ދަރިކޮޅުގެ މީހުން ވަނީ ސުލައިމާނުލްއަސަދަށް މަރުގެ އަދަބު ދިނުމަށް ގޮވާލައި ފާއިތުވި ތިން ދުވަހު ދިމިޝްގުގައި މުޒާހަރާތައް ކުރިޔަށް ގެންގޮސްފަ އެވެ.

ކާނަލް ހައްސާންގެ ޖަނާޒާގައި ސީރިޔާ ސިފައިން ބައިވެރިވަނީ

ސީރިޔާގައި ވެރިކަން ކުރާ އަސަދުގެ އާއިލާގެ މީހުންނަކީ އެގައުމުގެ އާންމު ރައްޔިތުންނާމެދު އިހާނާތްކުރާ އަދި ގާނޫނަށްވުރެ މަތީގައި އުޅޭބައެއްކަމަށް ތުހުމަތު ކުރެވޭ ބައެކެވެ. ނަމަވެސް އަލަވީންގެ މުޒާހަރާތަކަށް ތިން ދުވަސްވީ ފަހުން ސީރިޔާގެ ފުލުހުން މި ވަނީ ސުލައިމާނުލްއަސަދު ހައްޔަރުކޮށް އޭނާގެ މައްޗަށް ތަހްގީގްކޮށް ޝަރީޢަތް ހިންގުމަށް ދައުލަތުގެ ކަަމަބެހޭ މުއައްސަސާތަކާ ހަވާލުކޮށްފައެވެ. ސީރިޔާގެ މީޑިއާ ބުނާ ގޮތުން ސުލައިމާން ވަނީ ދިމިޝްގުގައިވާ ޖަލަކަށް ގެންގޮސް އެތާނގައި ހައްޔަރުކޮށްފަ އެވެ.

ސީރިޔާގެ އިދިކޮޅު ފަރާތްތަކުގެ ޙަމަލާތަކާ ދެކޮޅަށް ބައްޝާރުގެ ވެރިކަމާއި އޭނާގެ އާއިލާ ދިފާއުކޮށްދިނުމުގެ އެންމެ ކުރީ ސަފުގައި އުޅެނީ ސީރިޔާގެ ސިފައިންނާއި ބައްޝާރު ނިސްބަތްވެ ވަޑައިގަންނަވާ ސޫރިޔާގެ އަލަވީ ދަރިކޮޅުގެ މީހުންނެވެ. އެހެންކަމުން ސުލައިމާނުލްއަސަދު ހައްޔަރުކޮށް އޭނާގެ މައްޗަށް ޝަރީޢަތް ހިންގުމަށް ނިންމާފައި ވަނީ އޭނާ ހިންގި ޖަރީމާއާ ގުޅިގެން ސިފައިންގެ ތެރޭގަ އާއި އަލަވީންގެ ތެރޭގައި ހަމަނުޖެހުން ހިނގާފާނެ ކަމުގެ ބިރު އޮތުމުން ކަމަށްވެ އެވެ.

ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން ރައީސް ބައްޝާރާއި އޭނާގެ އާއިލާގެ އިތުރުން އޭނާއަށް ތާއީދުކުރާ އަލަވީ ދަރިކޮޅުގެ މީހުން ވެސް ވަނީ ވަރަށް އެކަހެރިވެ ބަލިކަށިވެފަ އެވެ. އެހެންކަމުން މިފަދަ މައްސަލައަކާ ގުޅިގެން ސީރިޔާ ސިފައިންގެ ތެރޭގަ އާއި އަލަވީންގެ ތެރޭގައި ބައްޝާރުގެ ވެރިކަމާދެކޮޅަށް ގަޑުބަޑެއް އުފެދުމުގެ ފުރުސަތު އޮތުމަކީ ބައްޝާރުގެ ސަރުކާރުން ސުލައިމާނުލް އަސަދު ހައްޔަރުކުރުމުގެ ސަބަބުކަމަށް މުރާސިލުން ބުނެ އެވެ. (ނޫސްއެޖެންސީތައް)