ލައިސެންސަކާ ނުލައި ޓެލެކޮމްގެ ހިދުމަތް ދޭ ކުންފުނިތައް ފަސް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ލައިސެންސް ނެތި ޓެލެކޮމް ހިދުމަތް ފޯރު ކޮށްދީ އެފަދައިން ރޭޑިއޯ މުވާސަލާތުގެ ތަކެތި އަތުގައި ހުއްދައެއް ނެތި ބަހައްޓާ ފަރާތަކަށް ފަސް މިލިއަނަށްވުރެ ގިނަ ނުވާނޭ ގޮތަށް ޖޫރިމަނާ ވާނެ ކަމަށެވެ. އަދި އެކަމާ ހިލާފުވުމަށްފަހު ހިނގާ ކޮންމެ ދުވަހަކަށް އެއް ލައްކަ އަށް ވުރެ ބޮޑު ނުވާނެ އަދަދަކުން ޖޫރިމަނާވާނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.

ފަލާހު ހުށަހެޅި ބިލުގައި ބުނާ ގޮތުން ލައިސެންސެއް ނެތި ނެޓުވޯކު ކުރުމަށް ބޭނުންވާ ސާމާނު ބެހެއްޓުމުގެ އިތުރުން އެފަދަ ތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް ފަސް މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރާނެ އެވެ.

އޭނާގެ ބިލުގައި ބުނާ ގޮތުގައި ޓެލެކޮމްގެ ލައިސެންސް ދޫކުރާ އޮތޯރިޓީން އެ ލައިސެންސް ދޫކުރާ އިރު ދެވަތަރެއްގެ ލައިސެންސް ދޫކުރާނެ އެވެ. އެއީ އިންޑިވިޖުއަލް ލައިސެންސާއި ކްލާސް ލައިސެންސެވެ.

އިންޑިވިޖުއަލް ލައިސެންސަށް އެ ފަރާތުން ދައްކަން ޖެހޭ ފައިސާ ނުދައްކައިފި ނަމަ އެފަރާތަކު އެއް މިލިއަން ދިވެހި ރުފިޔާއިން ޖުރިމަނާ ވާނެ ކަމަށް އެ ބިލުގައި ވަނީ ބުނެފަ އެވެ. އަދި ލައިސެންސްގެ ގަވާއިދުތަކާ ހިލާފުވާ ފަރާތުން ވެސް ހަމަ އެ އަދަދުން ޖޫރިމަނާވާނެ އެވެ.

ލައިސެންސް ދޭ އޮތޯރިޓީގެ ސުލޫކީ މިންގަނޑުތަކާ ހިލާފު ވެއްޖެނަމަ އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް އެ ބިލުގައި ވަނީ ބުނެފައެވެ.

އެ ބިލު ހުށަހެޅުމުގެ މަގުސަދެއް ކަމަށް ފަލާހު ވިދާޅުވީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އާ ގުޅުންހުރި ހުރިހާ ކަމެއް ރާވާ ހިންގާނެ ގޮއްތަކެއް ކަނޑައެޅުމަށް ކަމަށެވެ. އަދި ޓެލެކޮމްގެ ހިދުމަތްދޭ ފަރާތްތަކަށް ލައިސެންސް ދޫކުރާނެ އުސޫލުތަކެއް ކަނޑައެޅުމަކީ ވެސް މަގުސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.