12 Mar 2011, 17:47
މި މަހު 26 ވަނަ ދުވަހު ފާހަގަ ކުރާ އާތު އަވައާއެކު ލޮނު ޒިޔާރަތްކޮޅުގެ ބޮޑު ދެ ސަރަހައްދެއްގައި އެއްޗެތި ދުއްވުން މަނާ ކުރާ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ލަތީފް މިއަދު ވިދާޅުވީ އެއްގަމު އުޅަނދު ނުދުއްވޭ ގޮތަށް ބަންދުކުރަނީ ދަރުބާރުގޭގެ އިރުމަތީކޮޅުގައި އޮންނަ ރަތްވިލާ ހިނގުމުން ފެށިގެން އިރުމައްޗަށް ގޮސް، ހެންވޭރު ޕާކުގެ އިރު އުތުރު ކަންމައްޗާ ހަމައަށް ކަމަށެވެ. އަދި ވިދާޅުވީ އަމީނީމަގުން ދުއްވާ އެއްޗިހި ދުއްވުން މަނާކުރަނީ ހެންވޭރު ޕާކްގެ ހުޅަނގު ދެކުނު ކަންމަތިން ފެށިގެން އިރުމަތީ ސަރަހައްދެވެ. ނަމަވެސް ލަތީފް ވިދާޅުވީ ހެންވޭރު ޕާކުގެ ހުޅަނގަށް އޮންނަ މޫން ލައިޓް ހިނގުމާއި އުތުރަށް އޮންނަ ހިތިގަސްމަގުގައި އެއްޗެހި ދުއްވަން މަނާނުކުރާނެ ކަމަށެވެ. އެ ސަރައްހައްދުގެ ބޮޑު ބައެއްގައި ދުއްވުން މަނާ ނަމަވެސް އެ ހިސާބުގެ ބައެއް މަގުތައް ދެކޮޅަށް ދުއްވޭ ގޮތަށް ހަމަޖައްސާނެ ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިގޮތަށް މިނިންމަނީ ކެބިނެޓުން ނިންމަވާފައި އޮތް ނިންމެވުމަކާ ގުޅިގެން. މިގޮތަށް މި ހަމަޖެއްސަނީ ތޮއްޖެހިފައިވާ މާލޭގައި މީހުންނަށް ހިތްހަމަޖައްސާލަން ޒިޔާރަތް ކޮށްލާނެ މާހައުލެއް ގާއިމް ކުރުމަށް." ލަތީފް ވިދާޅުވި އެވެ.
އެ ސަރަހައްދު ބަންދުކުރަން ނިންމާފައި އޮތީ ތިމާވެއްޓާ މެދު އާންމުން ހޭލުންތެރި ކުރުމަށް ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރާ "އާތް އަވާ" އެއީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެންނެވެ. އެންމެ ފަހުން ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވަނީ މާލޭގެ ވަކި ސަރަހައްދެއްގައި އެއްޗެތި ދުއްވުން މަނާކުރާ ގޮތަށް ނިންމައިފަ އެވެ.