"ދިވެހި ރާއްޖޭގެ ކުޅިވަރުގެ ގައުމީ މަޖިލިސް"ގައި ނުހިމެނޭ ޖަމްއިއްޔާތަކަށް ޔޫތު މިނިސްޓްރީގެ ބަޖެޓުން އެއް މިލިއަނަށްވުރެ ގިނަ ފައިސާގެ އެހީ އާއި ތަކެތި ދީފައިވާކަން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިއަދު އާންމުކޮށްފައިވާ ޔޫތު މިނިސްޓުރީގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ދިވެހި ރާއްޖޭގެ ކުޅިވަރުގެ ގައުމީ މަޖިލިސް ގައި ނުހިމެނޭ ޖަމިއްޔާތަކަށް ބައްޑާރަ ނައިބްގެ ލަފާ އާއި ހިލާފަށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

"ގާނޫނީ ލަފާގައި ބަޔާންކޮށްފައިވާ އުސޫލާ ހިލާފަށް މިނިސްޓުރީގެ ބަޖެޓުން ދިވެހިރާއްޖޭގެ ކުޅިވަރުގެ ގައުމީ މަޖިލީހުގައި ހިމެނޭ ކުޅިވަރުގެ ގައުމީ ޖަމްއިއްޔާތައް ނޫން އެހެނިހެން އަމިއްލަ ފަރާތްތަކަށް ތަކެއްޗާއި ފައިސާ އެހީގެ ގޮތުގައި 2012 ވަނަ އަހަރު ޖުމުލަ 1092329 ރުފިޔާ ދީފައިވުން،" އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ ރިޕޯޓްގައި ބުނެފައިވެ އެވެ.

ރަށްރަށުގެ ކުލަބު ޖަމިއްޔާތަކުގެ އެދުމުގެ މަތިން ޔޫތު މިނިސްޓުރީގެ ބަޖެޓުން 2012 ވަނަ އަހަރު 808343 ރުފިޔާ ހަރަދުކޮށްފައިވާކަމަށް ވެސް އެ އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.

އެ އަހަރު ޔޫރޯބެލޭނެ އިންތިޒާމް ހަމަޖެއްސުމަށް ޔޫތު މިނިސްޓުރީގެ ބަޖެޓުން ދެ ހައްލަ 283،000 ރުފިޔާ ހަރަދުކޮށްގެން 37 ޕްރޮޖެކްޓަރު ހަވާލުކޮށްފައުވާއިރު ބޭނުންވާ ފަރާތްތައް ކުރިމަތިލުމަށް އިއުލާންނުކޮށް އެކަން ނުކުރުމުން އެކަން ހިނގާފައި ވަނީ ދެފުށް ފެންނަ ގޮތަށް ނޫން ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

ލިބެންޖެހޭ ފައިސާގެ ތެރެއިން ހޯދާފައި ނުވާ ތިން ލައްކަ އަށްވުރެ ގިނަ ރުފިޔާ އާއި ރާއްޖެއިން ބޭރަށް ކޮށްފައިވާ ދަތުރުތަކުގެ ހަރަދަށް ދޫކޮށްފައިވާ އިންސިޑެންޝަލް ފައިސާގެ ތެރެއިން ހަރަދުވި 62451 ރުފިޔާގެ ތަފްސީލީ ރިޕޯޓާއި ދަތުރު ރިޕޯޓް ހޯދާފައި ނެތް ކަން ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

އެ މިނިސްޓުރީއިން 2012 ވަނަ އަހަރު ބަޖެޓުގައި ނުހިމެނޭ 900،000 ރުފިޔާ ހަރަދުކޮށްފައިވުމާއި ހަރަދުތައް ރިޕޯޓްކުރުމުގައި ކޭޝް އެކައުންޓިންގެ އުސޫލާ ހިލާފްވުމާއި މާލީ އަހަރު ނިމޭ ފަހުން ކުރެވުނު ހަރަދުތައް އެ އަހަރުގެ މާލީ ބަޔާންތަކުގައި ހިމަނާފައިވުން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި ހަރުމުދަލާއި ގުޅޭ ކަންކަން މާލިއްޔަތު ގަވައިދާ އެއްގޮތަށް ބަލަހައްޓާފައި ނުވުމާއި އެކިއެކި ބޭނުމަށް ކައުންސިލްތަކަށް ފޮނުވާ ފައިސާ ހަރަދުނުވަނީސް ހަރަދުގެ ގޮތުގައި މާލީ ބަޔާންތަކުގައި ހިމަނާފައިވާކަން ފާހަގަކޮށްފައިވެ އެވެ.

އެއޮޑިޓް ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ޒިޔަތު ވަނީ ގަވައިދާ ހިލާފަށް ހިނގާފައިވާ ކަންކަން އިސްލާހުކޮށް އުސޫލާއި ހިލާފަވެފައިވާ ފަރާތްތަކާއި މެދު ފިޔަވަޅުއެޅުމަށް ލަފާދެއްވާފަ އެވެ.