ދުނިޔޭގެ ގައުމުތަކުން 2000 ވަނަ އަހަރު ކަނޑައެޅި މިލޭނިއަމް ޑިވެލޮޕްމެންޓް ގޯލްސް (ސާސްކަފުގެ ލަނޑުދަނޑިތައް) ތެރެއިން ގިނަ ކަންތައްތަކެއް ރާއްޖޭން ފުރިހަމައަށް ހާސިލުކޮށްފައިވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ދުންޔާ ވިދާޅުވީ ސާސްކަފުގެ ލަނޑުދަނޑިތަކުގެ ތެރެއިން ދެ ދާއިރާއެއް ފިޔަވައި އެހެން ދާއިރާތަކުން ލަނޑުދަނޑިތައް ހާސިލުކުރެވިފައިވާ ކަމަށެވެ.

"ދުނިޔެއަށް ބަލައިލިޔަސް އަދި މި ސަރަހައްދަށް ބަލައިލިޔަސް، މިލޭނިއަމް ޑިވެލޮޕްމެންޓް ގޯލްސް ނުވަތަ ސާސްކަފުގެ ލަނޑުދަނޑިތަކުގެ ތެރެއިން ރާއްޖޭން ވަނީ ވަރަށް މުހިއްމު ކާމިޔާބީތަކެއް ހާސިލުކޮށްފައި. އެގޮތުން މިއޮތް އަށް ގޯލްގެ ތެރެއިން ހަގޯލް ނުވަތަ ހަތް ގޯލްގެ ހުރިހާ ލަނޑުދަނޑިތަކެއް އަޅުގަނޑުމެން ވަނީ ހާސިލުކޮށްފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ސާސްކަފުގެ ލަނޑުދަނޑިތައް ހާސިލުކުރަން ރާއްޖެއަށް ދަތިވީ ދެ ދާއިރާއަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ހާސިލުކުރަން ދަތިވީ ޖެންޑާ ހަމަހަމަކަމާއި އަންހެނުން ބާރުވެރި ކުރުވުމުގެ ދާއިރާއާއި ތިމާވެށީގެ ދާއިރާގެ ލަނޑުދަނޑިތައް ކަމަށް ވެސް ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ދުންޔާއާއި ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަސީރު އަދި އެޑިޝަނަލް ސެކްރެޓަރީ ނޫސްކޮންފަރެންސްގައި . ސަން ފޮޓޯ: ޔޫސުފް ޞަފްވާން

އެދެ ދާއިރާ އިން ސާސްކަފުގެ ލަނޑުދަނޑިތައް ހާސިލު ނުވި ސަބަބާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަސީރު ވިދާޅުވީ ހާސިލުނުވި ލަނޑު ދަނޑިތަކަކީ ތަރައްގީ ވަމުން އަންނަ ގައުމަކުން އަމިއްލައަށް ހާސިލު ނުކުރެވޭނެ ލަނޑުދަނޑިތަކެއް ކަމަށެވެ. އަދި ލަނޑުދަނޑިތަކަކީ ބައިނަލް އަގުވާމީ އެހީތެރިކަމާ އެކު ހާސިލުކުރަން ކަނޑައެޅި ކަންތައްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސާސްކަފުގެ ލަނޑުދަނޑިތައް ހާސިލުކުރަން ކަނޑައެޅީ 2000 ވަނަ އަހަރުން ފެށިގެން 15 އަހަރު ދުވަހުގެ ތެރޭގަ އެވެ. އެ މުއްދަތު މިއަހަރު ހަމަވާތީ އޭގެ ފަހުން ގައުމުތަކުން މަސައްކަތް ކުރާނެ އަމާޒުތަކެއް ކަނޑައެޅުމަށް އަންނަ ސެޕްޓެމްބަރު މަހުގެ 25 އިން 27 އަށް އެމެރިކާގެ ނިއުޔޯކްގައި ސަމިޓެއް ބާއްވާނެ އެވެ. "ޕޯސްޓް 2015 ޑިވެލޮޕްމެންޓް އެޖެންޑާ"ގެ ނަމުގައި އެކުލައިވައިލާ އެ އަމާޒުތަކުގެ ދެލިކޮޕީއެއް މިހާރު ވަނީ އެކުލަވައިލާ ނިމިފަ އެވެ. އެ ކަރުދާސް އެކުލަވައިލީ މިދިޔަ ޖުލައި މަހުގެ 20 އިން 31 އަށް ނިއުޔޯގްގައި އދ.ގެ މެމްބަރު ގައުމުތަކުން ބަހުސްކޮށްގެން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ބުނީ ކުދި ޖަޒީރާގައުމުތަކުގެ ޖަމިއްޔާ އައޯސިސްގެ ރިޔާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން އެ ބަހުސްތަކުގައި ރާއްޖޭން އިސްދައުރެއް އަދާކުރި ކަމަށެވެ.