11 Aug 2015, 16:32
ނިމިދިޔަ ނުވަ ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައޯއައިޖީ)ގައި 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ރާއްޖޭގެ ދުވުންތެރިޔާ ޙަސަން ސާއިދުއަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު ނިހާން ޙުސައިން މަނިކް ދެއްވަން ވިދާޅުވި އޭނާގެ މުސާރައިގެ ގޮތުގައި ހިމެނޭ 42500 ރުފިޔާގެ ރަމްޒީ ޗެކް ހަވާލުކޮށްދެއްވައިފި އެވެ.
ސާއިދުއާ ރަމްޒީ ޗެކް ހަވާލުކޮށްދެއްވީ މިއަދު އެފްއޭއެމް ހައުސްގައި މީޑިއާތަކުގެ ހާޒިރުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ރަމްޒީ ޗެކް ހަވާލުކޮށްދެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ މުހިންމީ ރަން މެޑަލް ހޯދުމުން ދޭ ފައިސާގެ އިނާމެއް ނޫންކަމަށާއި މުހިންމީ ގައުމެއްގެ ނިސްބަތުން ސާއިދު ރާއްޖެ އަށް ހޯދައިދިން ކާމިޔާބުކަމަށެވެ.
ނިހާން ވިދާޅުުވީ ސާއިދުއަށް ހޯދި ކާމިޔާބު ފާހަގަ ކުރަންޖެހެނީ ތާރީޚައްޓަކައި ދަރިންނާއި ދަރިންގެ ދަރިންވެސް މިކަން ހަނދާން ކޮށްދިނުމަށްޓަކައި ކަމަށެވެ.
"މުހިންމީ ވަކި ސާއިދު ހޯއްދެވި މެޑަލް އެކަންޏެއް ނޫން މުޅިގައުމުގެ ނިސްބަތުން ޝަރަފެއްކަމުގައި މިކަން (ސާއިދު ހޯދި ކާމިިޔާބު) ވެގެންދިއުން،" ނިހާން ވިދާޅުުވި އެވެ.

ސާއިދު ރަން މެޑަލް ހޯދުމުން މެންބަރު ނިހާންގެ ފަރަތުން ދެއްވި 42500 ރުފިޔާ ހަވަލުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ސާއިދު ފައިސާގެ ރަމްޒީ ޗެކާ ހަވަލުވުމަށް ފަހު ސާއިދުއާ ނިހާން ނޫސްވެރިންނާ ވާހަކަ ދައްކަނީ --- ސަން ފޮޓޯ/ ޢަލީ ނަަޞީރު
ނިހާން ވިދާޅުވީ މިކަމަކީ ހަމައެކަނި ޕްރެސް ކޮންފަރެންސަކުން ނުވަތަ ނޫހެއްގައި ޖަހާލާ ސުރުހީއަކުން ނިމޭނެ ކަމެއް ނޫން ކަމަށާއި ސާއިދު ހޯދި ކާމިޔާބުގައި ފަހަތުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި އެތުލެޓިކްސް އެސޯސިއޭޝަން ކުރި ބުރަ މަސައްކަތް ފާހަގަ ކުރަން ޖެހޭ ކަމަށެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަމުން ސާއިދު ބުނީ އޭނާގެ ކާމިޔާބުގައި އޮލިމްޕިކް ކޮމިޓީއާއި އެތުލެޓިކްސް އެސޯސިއޭޝަނުންކޮށްދިން މަސައްކަތްތަކަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށެވެ. މިރަސްމިއްޔާތުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ އަޙްމަދު މަރުޒޫޤް (މަރޭ) އާއި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޠޮލާލް ބައިވެރިވެވަޑައިގެންނެވެި އެވެ.
ނިހާން ގެއިތުރުން ސާއިދު އެ ރަށަކަށް ނިސްބަތްވާ ކ. ގާފަރު ހިމެނޭ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ވަނީ ސާއިދު ބޫޓް ސްޕޮންސަ ކޮށްދެއްވާނެ ކަމަށް އިއުލަން ކުރާއްވާފަ އެވެ.

ސާއިދު ރަން މެޑަލް ހޯދުމުން މެންބަރު ނިހާންގެ ފަރަތުން ދެއްވި 42500 ރުފިޔާ ހަވަލުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ސާއިދުއާ ނިހާންއާ އެކު އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޠޮލާލް (ކ) އާއި އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ އަހްމަދު މަރުޒޫޤް (ކ)