އެއްގަމު އުޅަނދު ފަހަރުގެ ސްޓިކާއަށް ދައްކަން ޖެހޭ ޖޫރިމަނާ އާއި ލައިސަންސް ހިފެހެއްޓުމުން ކޮށްފައިވާ ޖޫރިމަނާ މައާފުވާ ގޮތަށް އެއްގަމު ދަތުރު ފަތުރުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އެ އިސްލާހު ރައީސް ޔާމީން މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެން ޓްރެފިކު ކުށްތަކުގައި ކޮށްފައިވާ ޖޫރިމަނާ މައާފުވެގެން ދާނެ އެވެ.

އިސްލާހުގައި ބުނެފައި ވަނީ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން ލައިސަންސް އޮވެގެން ނުވަތަ ލައިސަންސް ނެތި ދުއްވުމުގެ ސަބަބުން ނުވަތަ އެއްވެސް ސަބަބަކާ ހުރެ ލައިސަންސް ހިފަހައްޓައިގެން ޖޫރިމަނާ ކޮށްފައިވާ ޖޫރިމަނާ ފައިސާ މައާފުވާނެ ކަމަށެވެ.

ބިލް ދިރާސާ ކުރި އިގުތިސާދީ ކޮމިޓީން ވަނީ ބިލު ދިރާސާ ކުރި އިރު ބައެއް މާއްދާތައް އުނިކޮށްފަ އެވެ. އެގޮތުން ގާނޫނުގެ 49 ވަނަ މާއްދާ އެއްކޮށް ވަނީ ކޮމެޓީން އުނިކޮށްފަ އެވެ.

އިސްލާހުގައި ބުނެފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ބޭނުން ކުރާ ހާއްސަ އެއްގަމު އުޅަނދުތަކުގެ އަހަރީ ފީ ދެއްކުން އިސްތިސްނާވާނެ ކަމަށެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ގެނައި އިސްލާހުގައި ވަނީ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހިންގުމަށް ޓަކައި މިނިސްޓްރީ އިން ނުވަތަ މިނިސްޓްރީ އިން ކަނޑައަޅާ ފަރާތަކުން ޕާކް ކުރުމަށް ކަނޑައަޅާފައިވާ ތަނެއްގައި ވެސް އެއްގަމުގައި ދުއްވާ އުޅަނދެއް މެދުކެނޑުމެއްނެތި ބޭއްވޭނީ އެންމެ ގިނަވެގެން 7 ދުވަހުގެ މުއްދަތަށް ކަމަށެވެ.

އެފަދަ އުޅަނދެއް އެތަނަކުން އެ މުއްދަތުގެ ތެރޭގައި ނުނަގައިފި ނަމަ އެ އުޅަނދެއް ނެގުމުގެ ބާރު ފުލުހުންނަށް ވަނީ ދީފަ އެވެ.

އެ އުޅަނދެއް ނަގާތާ 24 ގަޑިއިރުގެ ތެރޭގައި އެ އުޅަނދެއްގެ މައުލޫމާތު ފެންނާނެ ގޮތަށް އާންމު ކުރަން ޖެހެ އެވެ. އަދި އެ އުޅަނދުގެ ވެރިފަރާތަށް އުޅަނދާ ހަވާލުވުމަށް 60 ދުވަހުގެ މުހުލަތެއް ދޭން ޖެހެ އެވެ.

އެ މުއްދަތުގެ ތެރޭގައި އުޅަނދެއް ނުގެންގޮސްފި ނަމަ އެ އުޅަނދެއް ނައްތާލުން ނުވަތަ އާންމުކޮށް ހުޅުވާލެވޭ ނީލަމެއްގައި އުޅަނދު ވިއްކާލުމުގެ ބާރު ފުލުހުންނަށް ލިބިގެންވެ އެވެ.

އެއްގަމު ދަތުރު ފަތުރުގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ޓުރެފިކު ކުށްތަކަށް ކޮށްފައިވާ ޖޫރިމަނާ ފައިސާ މިއަދު މައާފުވެގެން ދިޔަ ނަމަވެސް މިއަދުން ފެށިގެން ޓުރެފިކު ކުށްތަކަށް ކުރަން ޖެހޭ ޖޫރިމަނާ ކުރެވޭނެ އެވެ.